ޚަބަރު

ގާނޫނީ ހުވައެއްގައި އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ކުރިއަށް އެހެން އެއްވެސްކަމެއް އައިސްގެން ނުވާނެ: އިދިކޮޅު

އައިދާ އަބްދުލް ހަކީމް

1

އިންސާނީ ހައްގުތައް އެންމެ ބޮޑަށް ކަށަވަރުކޮށްދެނީ އިސްލާމްދީނުގައި ކަމަށާއި އެހެންކަމުން ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމަކަށްވާއިރު ދިވެހިން ކުރާ އެއްވެސް ހުވައެއްގައި އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ކުރިއަށް އެހެން އެއްވެސްކަމެއް އައިސްގެން ނުވާނެ ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފިއެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ރައީސް އަދި ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ފުލުހުންގެ ބިލުގައި ބުނާގޮތުން ދިވެހި ފުލުހުން އެންމެ ފުރަތަމަ އިސްކަމެއް ދޭން ޖެހޭނީ އިންސާނީ ހައްގުތަކަށް ކަމަށް ބުނެފައިވުމަކީ ދިވެހި ރައްޔިތުންނާއި އެ ކޯލިޝަނުން ކަންބޮޑުވާ ކަމެއް ކަމަށެވެ.

އަދުރޭ ވިދާޅުވީ އިންސާނީ ހައްގުތައް އެންމެ ބޮޑަށް ކަށަވަރުކޮށްދީފައި އޮތީ އިސްލާމްދީނުގައި ކަމަށާއި އަދި އެއީ އިންސާނުން ހަދާ ގާނޫނަކަށް ވުރެ ބޮޑަށް އިންސާނީ ހައްގުތައް އިސްލާމްދީނުގައި ކަށަވަރުކޮށްދީފައިވާ ކަމަށެވެ. އެހެންކަމުން ފުލުހުންގެ ހުވާގައި ކުރިން އޮތް އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތަން، އޮތް އޮތުން ބަދަލުކޮށް އިންސާނީ ހައްގުތައް އައުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.

ކުރިން އޮތް ގޮތަށް އެ ހުވާ ބޭއްވުމަށް މިހާރުން މިހާރަށް ރައްޔިތުންގެ މަޖިލީހަށް ގޮވާލާ ކަމަށާއި އެހެން ނޫންނަމަ ގަބޫލުކުރަނީ އެމްޑީޕީގެ ލާދީނީ ފިކުރުގެ ތެރެއިން މުއައްސަސާތަކުން އިސްލާމީ އުސޫލުތައް ގެއްލުވާލުމަށް ކުރާކަމެއްގެ ގޮތުގައި ކަމަށް އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީއަށް ނިސްބަތްވާ ބައެއް މަޖިލީސް މެންބަރުން މުއާމަލާތްކޮށް، ދިވެހި ފުލުހުންނާއި އެ މުއައްސަސާގެ އަގުވެއްޓޭގޮތަށް ދައްކަމުންދާ ވާހަކަތައް ވެސް ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ. އަދި މިކަމަކީ ދިވެހި ރައްޔިތުން ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.

މީގެ އިތުރުން އަދުރޭ ވިދާޅުވީ ދިވެހި ފުލުހުންނަކީ އަބަދުވެސް މި ގައުމާއި ރައްޔިތުންގެ ދިފާއުކުރުމަށްޓަކައި ވަރަށް ގިނަ ގުރުބާނީތަކެއް ވެފައިވާ ބައެއް ކަމަށާއި ދިވެހި ގައުމަށް އަގުނުކުރެވޭ ފަދަ ހިދުމަތްތަކެއް މިހާތަނަށް ވެސް ކޮށްދެމުންދާ ބައެއް ކަމަށެވެ. އަދި އެއްވެސް ސަބަބެއް ނެތި، އެއްވެސް އަސްލެއްގެ މައްޗަށް ބިނާ ކުރުމެއް ނެތި އެމްޑީޕީ ވެރިކަމަށް އަންނަ ކޮންމެ ފަހަރަކު ދިވެހި ފުލުހުންގެ މުއައްސަސާގެ އަގުވައްޓާލައި އަދި ފުލުހުންނަށް މަގުމަތިން ފުރައްސާރަކޮށް ބިރުދައްކައި މަގުމަތީގައި އުޅެން އުނދަގޫވާ ވަރަށް ފުލުހުންނަށް ބިރުދައްކާ ކަމަށް ވެސް ވިދާޅުވިއެވެ.

އެހެންކަމުން އެކަމަކީ ދިވެހިރައްޔިތުން ވެސް އަދި އެ ކޯލިޝަނުންވެސް ބަލައިގަންނާނެ ކަމެއް ނޫން ކަމަށާއި މަޖިލީހުގައި ފުލުހުންގެ އަގުވެއްޓޭގޮތަށް ދައްކާފައިވާ ވާހަކަތައް އެ ކޯލިޝަނުން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.

އަދުރޭ ވިދާޅުވީ ގައުމުގެ ކޮންމެ މުއައްސަސާއަކީ ވެސް މުހިންމު މުއައްސަސާއެއް ކަމަށާއި އެހެންނަމަވެސް އޭގެތެރެއިންވެސް ހާއްސަ ތަންތަން ހުންނާނެ ކަމަށެވެ. ސަލާމަތީ ހިދުމަތްތަކުން ވެސް ގޯސްކޮށް ކަންކަން ކުރާނަމަ އެކަންކަން ރަނގަޅު ކުރުމުގެ މަސައްކަތް ކުރަންޖެހޭނެ ކަމަށާއި ނަމަވެސް ފުލުހުންގެ އަގުވައްޓާލައި އެމީހުން ސޯޓުބުރި ލައްވައި މަގުމައްޗަށް ނެރެ ވާޖަހަގެން ދެމުމަށް ބުނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟