ޚަބަރު

ޖައުފަރަށް ލިބިފައިވާ އަނިޔާތަކުގެ ސަބަބުން އޭނާއަށް ދައުވާއެއް ނުކުރުމަށް ޑރ. ވަހީދު އެދިވަޑައިގެންފި

1

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދަށް މަގުމަތިން ދިމާކޮށް، ހަޑިހުތުރު ބަހުން ވާހަކަދެއްކި ކަމަށް ބުނާ އެމްޑީޕީގެ އެކްޓިވިސްޓް އިބްރާހިމް ޖައުފަރަށް ދައުވާ ނުކުރުމަށް އެމަނިކުފާނު އެދިވަޑައިގެންފިއެވެ.

މިދިޔަ ބުދަ ދުވަހުގެ ހެނދުނު ކަސްރަތަށް ނުކުމެވަޑައިގެން އުޅުއްވަނިކޮށް ދަރުބާރުގޭ ބިއްދޮށުން އުސްފަސްގަނޑު ސަރަހައްދުން ރައީސް ވަހީދާއި އެމަނިކުފާނުގެ އަނބިކަނބަލުންނާ މަގުމަތިން ދިމާކޮށް އަވަގުރާނަ ގޮވި ކަމަށް ބުނާ ޖައުފަރަކީ އެމްޑީޕީގެ ހަރަކާތްތަކުގައި ފޮޓޯގުރާފަރެއްގެ ގޮތުގައި އުޅޭ މީހެކެވެ.

އެ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވާއިރު، ރައީސް ވަހީދު ވިދާޅުވި ގޮތުގައި އެކަން ފުލުހުންނަށް ރިޕޯޓް ކުރީ ސެކިއުރިޓީންނެވެ. އަދި އެއީ އެމަނިކުފާނު ބޭނުންފުޅުވެގެން ކުރި ކަމެއް ނޫން ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

ރައީސް ވަހީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ސިޔާސީ ހަމަނުޖެހުންތަކާއި ނުވަތަ ސިޔާސީ ބޭނުމަކަށް ބޭނުން ކުރުމުގެ ސަބަބުން ޖައުފަރަށް ނަފްސާނީ އަދި ޖިސްމާނީ އަނިޔާތަކެއް ލިބިފައިވާ ކަމުގެ މައުލޫމާތެއް ލިބިވަޑައިގެންފައިވާ ކަމަށެވެ. އެހެންކަމުން އޭނާއަށް އެއްވެސް ދައުވާއެއް ނުކުރުމަށް ކަމާބެހޭ އިދާރާތަކުން އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައި ވެއެވެ.

އޭގެ އިތުރުން އެމަނިކުފާނާއި ޖައުފަރުގެ އާއިލާއަށް ކުރިމަތިވަމުން އަންނަ ބިރު ދެއްކުމާއި ފުރައްސާރަތަކާއި އަދި އެމްޑީޕީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އާންމު މެންބަރުން އެމަނިކުފާނާއި އެހެން މީހުންނާމެދު ނަފްރަތު އުފެއްދުމަށް ކުރަމުން އަންނަ ކަންތައްތައް ރައީސް ޑރ. ވަހީދުގެ ޓުވީޓުގައި ކުށްވެރިކުރައްވާފައި ވެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟