ލޮކްޑައުން ތެރޭ ޖިންސީ ފުރައްސާރައިގެ ޖުމުލަ 46 މައްސަލައެއް ޕީޖީން ކޯޓަށް ހުށަހަޅާފައިވާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.
ޝަމީމް ވަނީ ލޮކްޑައުން ތެރޭ ހުށަހެޅި ޖިންސީ ފުރައްސާރައިގެ ކޭސްތަކާއި ގުޅުން ހުރި ތަފާސް ހިސާބުތައް ޓުވިޓާ މެދުވެރިކޮށް އާންމު ކުރައްވައިފައެވެ.
އެގޮތުން އެވަރެޖްކޮށް ކުށްކުރާ ކަމަށް ތުހުމަތު ކުރެވޭ މީހުންގެ އުމުރަކީ 35 އަހަރު ކަމަށް ޝަމީމް ވިދާޅުވިއެވެ. އެވަރެޖްކޮށް ފުލުހުން މައްސަލައިގެ ތަހުގީގު ނިންމައި ޕީޖީއަށް ފޮނުވުމަށް 88 ދުވަސް ނަގާ ކަމަށާއި ފުލުހުން މައްސަލަ ޕީޖީއަށް ފޮނުވުމުން، ޕީޖީން އެ މައްސަލަ ކޯޓަށް ފޮނުވުމަށް އެވަރެޖްކޮށް ނަގަނީ 2.6 ދުވަސް ކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.
މީގެ އިތުރުން ޝަމީމް އާންމު ކުރެއްވި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އޭޕްރީލް މަހު ޕީޖީން ކޯޓަށް ހުށަހަޅާފައިވަނި 15 މައްސަލައެކެވެ. މިދިޔަ މެއި މަހު 28 މައްސަލައެއް ކޯޓަށް ހުށަހެޅި އިރު މިމަހު މިހާތަނަށް ކޯޓަށް ހުށަހަޅާފައިވަނީ ތިން މައްސަލައެއް ކަމަށް މި ތަފާސް ހިސާބުތަކުން ދައްކައެވެ.
ކޯޓަށް ހުށަހެޅި މައްސަލަތަކުގެ ތެރޭގައި ހިމެނެނީ ޖިނާއީ ކުށެއް ކުރުމުގައި ކުޑަކުއްޖަކު ބޭނުން ކުރުމުގެ ކުށް، ޖިންސީ އަމަލެއް ހިންގަން އެދުން، ޖިންސީ އަމަލެއް ހިންގުމަށް ގެޔަކަށް ވަނުން، ޖިންސީ ގޯނާ ކުރުން އަދި ޖިންސީ ގޯނާ ކުރަން އުޅުމުގެ މައްސަލަތައް ކަމަށް ޝަމީމް ވިދާޅުވިއެވެ.