އިބްރާހިމް ޒަކީ
ކޯޓުތަކަށް ހުށަހަޅާ މައްސަލަތައް ފަނޑިޔާރުންނަށް ސާބިތު ނުވަނީ ނޫން ކަމަށާއި، ސާބިތުކުރަން ބޭނުން ނުވަނީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބުދުﷲ ވިދާޅުވެއްޖެއެވެ.
އީވާ މިހެން ވިދާޅުވީ، އަންހެނުންނާ މެދު ކުރާ ތަފާތު ކުރުންތައް ނައްތާލައި، ގާނޫނުގެ ކުރިމަތީގައި ހަމަހަމަކަން ކަށަަވަރުކޮށްދިނުމަށް، ހުރި ދަތިިތަކާއި ގޮންޖެހުންތައް ބެލުމަށް ޕާލަމެންޓްރީ އިންކުއަރީއެއް ހެދުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މިއަދު ގަރާރު ހުށަހަޅުއްވަމުންނެވެ.
އީވާ ވިދާޅުވީ، އަންހެނުންނާއި ފިރިހެނުން ހަމަހަމަކަމުގެ ވާހަކަ ގާނޫނުއަސާސީގައި ލިޔެވިއްޖެ ކަމަށާއި، އެކަމާބެހޭ ބައިނަލްއަގުވާމީ މުއާހަދާ ތަކުގައިވެސް ބައިވެރިވެވިއްޖެ ކަމަށެވެ. އަދި އަންހެނުންނަށް ހަމަހަމަކަމާއި، ރައްކާތެރިކަމާއި ހިމާޔަތާއި އިންސާފު ހޯދައިދިނުމަށް، އެތައް ގާނޫނެއްވެސް ހެދިފައިވާ ކަމަށެވެ.
ގެވެށި އަނިޔާއާއި ފުރައްސާރަ އާއި ޖިންސީ ގޯނާކުރުންތައް އަންހެނުންނަށް ދިމާވާއިރު އެކަމަށް ފުރިހަމަ އިންސާފު ލިބުނު އެއްވެސް އަންހެނަކާ ދިމާނުވާނެ ކަމަށްވެސް އީވާ ވިދާޅުވިއެވެ.
ގާނޫނުތައް ތަންފީޒު ކުރަމުން ނުދާ ކަމަށާއި، މަޖިލިސް ތެރެއާއި ގައުމު ހިންގުމުގެ އެއްވެސް ދިމާލަކުން އެ ހަމަހަމަކަން ފެންނަމުން ނުދާކަމަށް އީވާ ވިދާޅުވިއެވެ.
އީވާ ވިދާޅުވީ އެކަމާބެހޭ ގާނޫނުތައް ތަންފީޒު ކުރަމުންދަނީ ކިހާވަރަށްތޯ ބެލުމަށް އެކި މުއައްސަސާތަކުން މައުލޫމާތު ހޯދާފައިވާ ކަމަށެވެ. އެގޮތުން ހޯދި މައުލޫމާތުގެ ތެރެއިން ހުސްއެކަނި ޕްރޮސެކިއުޓާ ޖެނެެރަލް އޮފީހުުގެ މައުލޫމާތަށް ބަލައިލިޔަސް އެ ގާނޫނުތައް ތަންފީޒު ކުރަމުން ނުދާކަން ސާފުވާ ކަމަށެވެ.
"ޖެންޑާ އީކުއަލިޓީގެ ދަށުން ޝަކުވާ ހުށަހެޅުމުގެ ނިޒާމު ގާއިމްކޮށް، އެ މިނިސްޓްރީއަށް އަންގާފައިވަނީ، 42 އިދާރާއަކުން. ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނުން ކޯޓުތަކަށް ހުށަހެޅުނީ، 18 މައްސަލަ ސާބިތު ވީ ހަތަރު މައްސަލް. ޖިންސީ ފުރައްސާރަ ކުރުން
ހުއްޓުވުމުގެ ގާނޫނަށް ހަ އަހަރު ވީއިރު ކޯޓަށް ހުށަހަޅާފައި ވަނީ އެންމެ މައްސަލައެއް. ޖިިންސީ ކުށުގެ ގާނޫނުގެ ދަށުން 236 މައްސަލަ ހުށަހެޅިއިރު ސާބިތުވީ 97 މައްސަލަ. ޖެންޑާ އީކުއަލިޓީ ގާނޫނު އެކުލަވައިލިތާ ހަތަރު އަހަރު ވީއިރު ކޯޓަށް ހުށަހަޅާފައިވަނީ ސުން މައްސަލަ،" އީވާ ވިދާޅުވިއެވެ.
އީވާ ވިދާޅުވީ، އަންހެނުންނަށް ދިމާވާ މައްސަލަތައް ކަމާބެހޭ ފަރާތްތަކަށް ހުށަހަނާޅަނި، އެފަދަ ކަންތައްތައް އަންހެނުންނާ ދިމާނުވާތީ ނޫން ކަމަށެވެ. ނަމަވެސް އެ މައްސަލަތައް ހުށަނާޅަނީ އިންސާފު ނުލިބޭނެތީ ކަމަށެވެ.
އީވާ ވިދާޅުވީ، އެކަމާބެހޭ ޕާލަމެންޓްރީ އިންކުއަރީއެއް ހެދުމަށް ހުށަހެޅުއްވީ، އެ ގާނޫނުތައް ތަންފީޒު ކުރުމަށް މޮނިޓަރިން މެކަނިޒަމެއް އެކުލަވާލައި ބަޔަކާ ހަވާލުރަން ޖެހޭތީ ކަމަށެވެ.