ޚަބަރު

އާންމު ރައްޔިތަކަށް ފުރައްސާރަ ކުރި ފުލުހެއްގެ މަގާމު ދަށްކޮށް، އިތުރު ތިން ފުލުހަކު ވަޒީފާއިން ވަކިކޮށްފި

މަރިޔަމް ޝަހުދާ

1

އާންމު ރައްޔިތަކަށް ފުރައްސާރަ ކުރި ފުލުހެއްގެ މަގާމު ދަށްކޮށް އިތުރު ތިން ފުލުހަކު ވަޒީފާއިން ވަކިކޮށްފި ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު (އެމްސީ ހަމީދު) ވިދާޅުވެއްޖެއެވެ.

އިއްޔެގެ ވަގުތެއްގައި ތިން ފުލުހަކު ވަޒީފާއިން ވަކިކޮށް އެކަކުގެ މަގާމު ދަށް ކޮށްފައިވަނީ ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ކަމަށް ހަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވިއެވެ. އަދި މި ފުލުހުންނާ މެދު މިހެން އަމަލު ކުރުމަށް ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ނިންމީ 5/8/2019 ގައި އާންމު ރައްޔިތަކަށް ފުރައްސާރަ ކުރި މައްސަލައަކާއި ގުޅިގެން ކަމަށް ހަމީދު ވިދާޅުވިއެވެ.

މިކަމުން ދައްކައިދެނީ ފުލުހުންގެ ހިދުމަތް އިސްލާހު ކުރުމަށް ކުރަމުން އަންނަ މަސައްކަތް ކަމަށް ހަމީދު ވިދާޅުވިއެވެ. އަދި ފުލުހުންގެ ހިދުމަތް އިސްލާހު ކުރުމުގެ މަސައްކަތަކީ ވާނެ ކަމެއް ކަމަށާއި، މި މަސައްކަތް ކުރަނީ އެންމެންގެ ރަނގަޅަކަށް ބަލައިގެން ކަމަށާއި، އާންމުންނަށް ފުލުހުންނާއި މުއާމަލާތް ކުރެވޭނެ ކަމަށްވެސް ހަމީދު ވިދާޅުވިއެވެ.

ހަމީދު ވަނީ ފުލުހުންގެ ހިދުމަތް އިސްލާހުކުރުމަށް ކުރަމުން އަންނަ މަސައްކަތަށް މަލާމާތް ނުކުރުމަށް އެދިވަޑައިގެންފައެވެ.

މީގެ އިތުރުން ހަމީދު ވިދާޅުވީ ފުލުހުންގެ އިދާރާގައި މަސައްކަތް ކުރާ %34 މީހުންނަކީ އޭ ލެވެލް ފެންވަފަރަށް ވުރެ މަތީ ފެންވަރެއްގެ ސެޓްފިކެޓު ހާސިލްކޮށްފައިވާ މީހުން ކަމަށެވެ. އަދި ފުލުހުންގެ އިދާރާގައި 220 ޕޯސްްޓް ގްރެޖުއޭޓުން މަސައްކަތް ކުރަމުން އަންނަ ކަމަށް ހަމީދު ވިދާޅުވިއެވެ.

ހަމީދު ވިދާޅުވީ މަސައްކަތުގެ މާހައުލުން އެތައް ކަމެއް ފުލުހުންނަށް ދަސްވާކަމީ ބައިނަލްއަގްވާމީ ފެންވަރެއްގައި ގިނަ ބަޔަކު ގަބޫލު ކުރާ ކަމެއް ކަމަށެވެ. އަދި ފުލުހުންގެ ވަޒީފާ އަދާ ކުރުމުގައި މަތީ ތައުލީމު ހާސިލް ކުރުމަކީ ދެވަނަ ކަމެއް ކަމަށް ހަމީދު ވިދާޅުވިއެވެ.

ސީޕީ ހަމީދު މިހެން ވިދާޅުވެފައިވާއިރު ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލު ހުށަހަޅައި، އެ ބިލަށް މަޖިލީހުގައި އަންނަނީ ބަހުސްކުރަމުންނެވެ. އެގޮތުން ގިނަ މެންބަރުން ބަހުސްގައި ފާހަގަކުރެއްވި ގޮތުގައި، ފުލުހުން ކުށްކުރުމުން އެކަށީގެންވާ މިންވަރަކަށް އެ މައްސަލަތަކެއް ނުބެލެއެވެ. މީގެ އިތުރުން ކަމަށް ގާބިލު ނޫން، ތައުލީމީ ފެންވަރު ދަށް އޮފިސަރުން ފުލުހުންގެ އިދާރާގައި މަސައްކަތް ކުރާކަމަށް ވެސް ބައެއް މެންބަރުން ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟