ޕެންޝަން ފައިސާ ދެއްކުން 6 މަސް ދުވަހަށް ފަސްކޮށްދިނުމަށް ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އެސޯސިއޭޝަނެއް ކަމަށްވާ، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އެޖެންޑް، އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)އިން ޕެންޝަން އޮފީހުގައި އެދިއްޖެ އެވެ.
މަޓާޓޯއިން މިމަހުގެ 14 ވަނަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ، ކޮވިޑުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތަށް އައިސްފައިވާ ހީނަރުކަމާއި އިގްތިސޯދަށް އައިސްފައިވާ ހީނަރުކަމުން އަރައިގަތުމަށް ކަމާބެހޭ ޖަމިއްޔާތަކާއި މުއައްސަސާތަކާއެކު ގާތުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެގޮތުން ކޮވިޑުގެ ސަބަބުން ގިނަ ބައެއްގެ އާމްދަނީއަށް އަސަރުކޮށްފައިވާއިރު، މި ހާލަތުގައި ޕެންޝަނަށް ދައްކަން ޖެހޭ ފައިސާ ދެއްކުން 6 މަސް ދުވަހަށް ފަސްކޮށްދިނުމަށް ޕެންޝަން އޮފީހުގައި އެދިފައިވާނެ ކަމަށް މަޓާޓޯއިން ބުނެއެވެ. އެއީ ޕެންޝަންގެ ގޮތުގައި ވަޒީފާ އަދާކުރާ ފަރާތުންވެސް އަދި ވަޒީފާ ދޭ ފަރާތުންވެސް ބޮޑު އަދަދެއް ދޭން ޖެހޭތީ، އެއީ މި ދުވަސްކޮޅަށް ބަލާއިރު ކުރުން އެންމެ ރަނގަޅު ކަމެއްކަމަށް ނުފެންނާތީކަމަށް މަޓާޓޯއިން ބުނެއެވެ.
މީގެ އިތުރުން މަޓާޓޯއިން ބުނީ އެއާޕޯޓުގެ ކައުންޓަރުތަކުން ނަގާ ޗާޖާއި އެއާފޯޓުން އެހެނިހެން ކަންކަމަށް ނަގާ ފީތައް ނެގުންވެސް 6 މަސް ދުވަހަށް ފަސްކޮށްދިނުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް(އެމްއޭސީއެލް)ގައި އެދިފައިވާނެ ކަމަށެވެ.
ކޮވިޑުގެ ސަބަބުން އިގްތިސޯދީ ގޮތުން ބޮޑު ހީނަރުކަމެއް އައިސްފައިވާއިރު، ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ބައެއް ވިޔަފާރިތައް ވަނީ އެކަށީގެންވާ އެހީތެރިކަން ނުލިބި، ބަނގުރޫޓުވުމުގެ މަގުމަތީގައިކަމަށް މަޓާޓޯއިން ބުނެއެވެ.