އަލީ ޔާމިން
މާލޭ ސަރަހައްދުގެ ސްކޫލުތަކުގެ ގްރޭޑް 9 އިން ފެށިގެން މަތީގެ ކިޔެވުންވެސް އަންނަ މަހު 1ގައި ފަށަން ނިންމައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީއާއި އިސްލާމިކް މިނިސްޓްރީން ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާ މަޝްވަރާކޮށް، ބަލިމަޑުކަން ނުފެތުރޭ ރަށްރަށުގައި ގްރޭޑު އެކަކުން ފެށިގެން 12 އަށް ފޭސް ޓު ފޭސްކޮށް ކިޔަވައިދޭން ނިންމާފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، މާލޭ ސަރަހައްދުގައި ބަލިމަޑުކަން އޮތް ނަމަވެސް އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ގްރޭޑް 9 އިން ފެށިގެން މަތީގެ ގްރޭޑްތަކަށް މާލޭ ސަރަހައްދުގެ ސްކޫލުތަކުން ކިޔަވައިދޭން ފަށާނެ ކަމަށެވެ.
"މާލޭ ސަރަހައްދުގެ ސްކޫލުތައް ޖުލައި 1ގައި ހުޅުވިގެންދާނީ ކީސްޓޭޖް 4 އަކާއި، ކީސްޓޭޖް 5ގެ. އެއީ ގްރޭޑް 11،10،9 އަދި 12. މާލޭގެ ހުރިހާ ސްކޫލަކަށް އަދި ހަމަޖެހިފައި އޮތް ގޮތުން ޖުލައި މަހު އެއް ސެސަނަށް ދަރިވަރުން ހާޒިރުވާނީ،" މިނިސްޓަރު ވިދާޅުވިއެވެ.
މާލޭ ސަރަހައްދުގެ ސްކޫލުތަކަށް ކުދިން ގެންނާނީ އެކި ގަޑިތަކަށް ކަމަށާއި ސްކޫލުތަކަށް ދަރިވަރުން ގެންނާނެ ވަގުތުތައް ކަނޑައަޅާނީ އެ ސްކޫލުތަކުގެ ޕްރިންސިޕަލުން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން މާލޭގެ ސްކޫލުތައް މަތީ ގްރޭޑްތަކަށް ހުޅުވާލާއިރު، އިޖުތިމާއީ ގައިދުރުކަން ދެމެހެއްޓޭނެ ގޮތަށް ކަންކަން ރޭވުމަށް ޓެރެފިކް ޕޮލިހުންނާ މަޝްވަރާކުރަމުން އަންނަ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ސްކޫލުތައް ހުޅުވާލި ނަމަވެސް ކޮންމެ ކްލާހެއްގައި ގިނަވެގެން ތިބޭނީ 15 ދަރިވަރުން ކަމަށާއި ސްކޫލަށް ދާއިރު މާސްކު އަޅަން ޖެހޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.