ރައީސުލްޖުމްހޫރިއްޔާގެ ފަރާތްްޕުޅުން ޖުޑީޝަލްސަރވިސް ކޮމިޝަން(ޖޭއެސްސީ)ގެ މެންބަރުކަމަށް ހަމަޖައްސަވާފައިވާ ސ. ހިތަދޫ ފިތުރޯނުގެ އަލްއުސްތާޛު މަސްތޫރު ހުސްނީ، އެ ކޮމިޝަންގެ ނައިބު ރައީސް ކަމުގެ މަގާމަށް ހަމަޖައްސަވައިފި އެވެ.
ޖޭއެސްސީގެ ހުސްވެފައިވާ ނައިބު ރައީސްގެ މަގާމަށް މަސްތޫރު ހަމަޖައްސަވާފައިވަނީ އިއްޔެ ޖޭއެސްސީގެ މެމްބަރުންގެ ޖަލްސާގައި ބައިވެރިވެވަޑައިގެން ހުރިހާ ބޭފުޅުންގެ އިއްތިފާގުންނެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ކުރިފުޅުމަތީގައި މަސްތޫރު، މަގާމުގެ ހުވާ ކުރައްވާފައިވަނީ މިދިޔަ ބުދަ ދުވަހުގައެވެ.
މަސްތޫރަށް ހުވައިލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފެވެ. މިރަސްމިއްޔާތުގައި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް އައްޔަން ކުރެއްވި ކަމުގެ ލިޔުން ރައީސުލްޖުމްހޫރިއްޔާ މަސްތޫރު ހުސްނީއާ ވަނީ ހަވާލުކުރައްވައިފައެވެ.