ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދަށް ލ. ގަމުން ގޯއްޗެއް ލިބިވަޑައިގެންނެވީ އުސޫލުގެ ތެރެއިން ކަމަށް އެ ރަށު ކައުންސިލުން ބުނެފިއެވެ.
އެއްވެސް ކަމެއްގައި އެއްވެސް ވަރަކަށް ސުވާލު އުފެދިފައިވާ ނިޒާމަކުން އެއްވެސް އެއްޗެއް ބޭނުން ނޫން ކަމަށް ވިދާޅުވެ، ޖީހާނަށް ގަމުން ލިބުނު ގޯތި ދޫކޮށްލަން ވަނީ ހުށަހަޅުއްވައިފައެވެ. ޖީހާން ގޯތި ދޫކޮށްލުމާ ބެހޭގޮތުން ގަމު ކައުންސިލަށް ހުށަހަޅުއްވާފައި މިވަނީ، އެކަމާ ގުޅިގެން ގިނަ ފަރާތްތަކަކުން ސޯޝަލް މީޑިއާގައި ފާޑުކިޔަމުން ދަނިކޮށެވެ. އަދި މައްސަލަ ހިނގައިގެން އުޅޭގޮތެއް ބެލައިދިނުމަށް ޖީހާން އެދިވަޑައިގެންފައިވެއެވެ.
ލ. ގަމު ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޖީހާން ގޯއްޗަށް އެދި ހުށަހެޅި ފޯމު އިވެލުއޭޓް ކުރުމަށްފަހު ޕޮއިންޓް ދިނުމުގައި ބަލާފައިވާ ކަންތައްތަކުގެ ތެރެއިން ގަމުގައި ދިރިއުޅޭ މީހުންނަށް ދިނުމަށް ކަނޑައެޅިފައިވާ ދިހަ ޕޮއިންޓް ދިނުމުގައި އަމަލުކޮށްފައިވާނީ އެ ކައުންސިލުގެ ގޯތި އިވެލުއޭޓްކުރާ ކޮމިޓީން ކަނޑައަޅާފައިވާ މިންގަނޑަށް ކަމަށެވެ.
ގަމުގައި ދިރިއުޅޭ މީހުންނަށް ޕޮއިންޓް ދިނުމުގައި ބަލާނެ މިންގަނޑެއް ކަމުގައި ގޯތި އިވެލުއޭޓް ކުރާ ކޮމިޓީން ކަނޑަޅާފައިވާ މިންގަނޑަކީ ރަށުން ބޭރު މީހެއް ނަމަވެސް ގޯއްޗަށް އެދުނު މީހާގެ ރަށުގެ ރަށްވެއްސަކާ ކައިވެނިކޮށްގެން އުޅުމާއި، ދެމަފިރިންގެ ދަރިން ގަމުގައި ރަށްވެހިވެފައި އޮތުން ކަމަށް ކައުންސިލުން ބުނެއެވެ.
ލ. ގަމު ކައުންސިލުން ބުނީ ރަށުން ބޭރުގައި ދިރިއުޅެމުންދިޔަ ނަމަވެސް، ގަމުގައި ދިރިއުޅޭ ނަމަ ދިނުމަށް ކަނޑައެޅިފައިވާ ދިހަ ޕޮއިންޓް އެމީހަކަށް ދިނުމަށް ނިންމާފައިވާ ކަމަށާއި އެ އުސޫލަށް ފެތޭ ގޮތަށް ހުރި ހުރިހާ ފަރާތްތަކަށް ދޭންޖެހޭ ޕޮއިންޓު ދެވިފައިވާ ކަމަށެވެ. އަދި ޖީހާނަށް ޕޮއިންޓު ދިނުމުގައި ވެސް ބަލާފައިވާނީ އެ މިންގަނޑަށް ކަމަށް އެ ކައުންސިލުން ބުނެފައިވެއެވެ.
މީގެ ކުރިން "ވަން"އަށް ޖީހާން ވިދާޅުވީ ޕޮއިންޓް ދޭ ނުކުތާތަކަށް ބަލާއިރު ގޯއްޗަށް ފޯމު ހުށަހެޅުއްވިއިރުވެސް، ފުލް ޕޮއިންޓް ލިބޭނެކަން އެނގިވަޑައިގަންނަވާ ކަމަށެވެ.
އެގޮތުން ތައުލީމުގެ ބައިންނާއި، ވަޒީފާގެ ބައިންނާއި، މުސާރައިގެ ބައިންނާއި، އެށަރު ރައްވެއްސަކާ ކައިވެނިކޮށްގެން އުޅޭތީ އެބައިންނާއި، އެ ރަށުގައި ދަރިން ރަޖިސްޓްރީ ކޮށްފައިވާތީ އެ ބައިންނާއި، ރާއްޖޭގެ އެއްވެސް ތަނެއްގައި ގޯއްޗެއް ނެތް ބައިން ފުލް ޕޮއިންޓް ލިބިފައިވާ ކަމަށް ޖީހާން ވިދާޅުވިއެވެ.
ޖީހާން ވިދާޅުވީ ޝަރުތު ފުރިހަމަވާތީ އެކަން އޮތީ އެއްވެސް ގޮތަކުން ޕޮއިންޓެއް ހޯދަން މަސައްކަތްކުރަން ޖެހޭ ގޮތަކަށް ނޫން ކަމަށެވެ. އަދި އެރަށުން ގޯތި ނެގީ މާލޭގައި ވެސް އަދި އަލިއްލަ ރަށް ކަމުގައިވާ ޅ. ހިންނަވަރުގައި ވެސް ގޯއްޗެއް ނެތުމާއެކު، ގަމަށް ދިރިއުޅުން ބަދަލުކުރުމުގެ ވިސްނުމުގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އެއީ އެ ކުދިންގެ ބިން، އެކުދިންގެ ރަށްވީމަ ވިސްނުން ހުންނަނީ ވެސް މުޅި އުމުރު ދުވަހު ކުއްޔަށް މާލޭގައި އުޅޭކަށް ނޫން. މޫވްކުރަން ވަރަށް ބޮޑަށް ވިސްނައިގެން ކުދިންގެ ދިރިއުޅުމަށް އެކަންކުރީ،" ޖީހާން ވިދާޅުވިއެވެ.
ގަމުން 400 ގޯތި ދޫކުރަން ނިންމައި، ކައުންސިލުން އާންމުކުރި ވަގުތީ ލިސްޓުން ދައްކާގޮތުގައި ޖީހާނަށް ވަނީ 71 ޕޮއިންޓު ލިބިވަޑައިގެންފައެވެ.