އެންމެ ބޮޑު ހިތްހަމަޖެހުމަކީ ކޮވިޑުގެ ހާލަތުގައިވެސް ރައްޔިތުންނަށް ދޭން ބޭނުންވާ ހިދުމަތް އޭގެ އެންމެ ފުރިހަމަ ގޮތުގައި ދެވުން ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވެއްޖެއެވެ.
ސްޓެލްކޯ އިން ބުނީ މުޣުނީ އެހެން ވިދާޅުވެފައިވަނީ ސްޓެލްކޯގައި ފުރަބަންދުވެގެން ހިދުމަތްދިނުމުގައި ދެމިތިބި މުވައްޒަފުންގެ އަގުވަޒަންކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ކަމަށެވެ.
އެ ރަސްމިއްޔާތުގައި ފުރަބަންދުގެ މުއްދަތުގެ ތެރޭގައި މުވައްޒަފުންގެ ފަރާތުން ފެނިގެންދިޔަ ކެތްތެރިމަށާއި، އާއިލާތަކާއި ދދުރުގައި ތިބެގެން ކުރި މަސައްކަތައް ވަރަށް ބޮޑު ޝުކުރު ދަންނަވާ ކަމަށް ސްޓެލްކޯ އިން ބުނެއެވެ. އަދި ކޮންމެ އަހަރަކުވެސް ސްޓެލްކޯގެ މަސައްކަތަށް އެންމެ ބާރު ބޮޑުވަނީ ހޫނު މޫސުމުގައި ކަމަށާއި ކޮވިޑް ހަލާތުގައި ސްޓެލްކޯގެ މުވައްޒަފުން ބުރަ މަސައްކަތްތަކެއްކޮށް އެހެން އަހަރުތަކުގެ ހޫނުމޫސުމުގައި ދިމަވާ ކަރަންޓު ކެނޑުމުގެ މައްސަލައަށް ހައްލު ހޯދައިދީފައިވާ ކަމަށް މުޣުނީ ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް އެންމެ ބޮޑު ހިތްހަމަޖެހުމެއްގެ ގޮތުގައި މިއޮތް ހިތްހަމަޖެހުމަކީ މިއަހަރުގެ ތެރޭގައި ކަރަންޓު ކެނޑިގެނެއް ނުއެއް ދޭ. އެހެންވީމަ އާންމު ރައްޔިތުންނަށް އަޅުގަނޑުމެން ދޭން ބޭނުންވާ ހިދުމަތް އެންމެ ފުރިހަމައަށް ދެވިއްޖެ ކަމަށް އަޅުގަނޑު ގަބޫލު ކުރަން،" އޭނާ ވިދާޅުވިއެވެ.
މިއަހަރުގެ ހޫނު މޫސުމާއި، ރޯދަމަސް ދިމާވި ކަމުގައިވީ ނަމަވެސް، ކަރަންޓުގެ މައްސަލަތަކެއް ދިމާވެފައި ނުވާ ކަމަށާއި އެފަދަ މައްސަލައެއް ދިމާނުވެ، ކަސްޓަމަރުންނަށް ފުރިހަމައަށް ހިދުމަތް ދެވުމަކީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް މުޣުނީ ވިދާޅުވިއެވެ.
މުޣުނީ ވިދާޅުވީ ސްޓެލްކޯ ހިމެނިގެންދާނީ ކޮވިޑާ ގުޅިގެން ދިމާވެދާނެ ކަންކަމަށް އެންމެ ފުރަތަމަ ތައްޔާރުވާން ފެށި ކުންފުނިތަކުގެ ތެރޭގައި ކަމަށާއި އެގޮތުން ފެބްރުއަރީ މަހުން ފަށައިގެން އެކަމަށް ތައްޔާރުވެ އެސްއޯޕީތައް އެކުލަވާލަން ފަށާފައިވާ ކަމަށެވެ. އަދި އެކަމަށްޓަކައި ދުރާލާ އެޅިގެންދިޔަ ފިޔަވަޅުތަކުގެ ނަތީޖާއަކީ މިހާތަނަށް ސްޓެލްކޯގެ އެއްވެސް މުވައްޒަފަކު ކޮވިޑަށް ޕްޒިޓިވް ނުވުން ކަމަށް ވެސް ވިދާޅުވިއެވެ.
މިއަދު ހަވީރު 6:00 އާ ހަމައަށް ފުރަބަންދުގައި ތިބި މުވައްޒަފުން ސްޓެލްކޯގެ ލޮކްޑައުންގައި 59 ނުވަ ދުވަސް ނުވަތަ އަށް ހަފުތާއާއި އިތުރު ތިން ގަޑިއިރު ހޭދަކޮށްފައިވާ ކަމަށާއި އެކަން މިނެކިރާނީ ކުންފުނީގެ ކަސްޓަމަރުންނާއި ރައްޔިތުން ކަމަށް މުޣުނީ ވަނީ ވިދާޅުވިއެވެ.
މީގެ އިތުރުން މުޣުނީ ވިދާޅުވީ ގައުމު މިދެކޭ ދުވަސްތަކަކީ ދަތި ދުވަސްތަކެއް ކަމަށާއި މި ދުވަސްތަކުން އަރައިގަނެ ފަސޭހަ އަދި އުފާވެރި ދުވަސްތަކަކަށް ގައުމު އަލިވިލޭނީ އެންމެންގެ މިންނެތް މަސައްކަތުން ކަމަށެވެ. އަދި ސްޓެލްކޯގެ މުވައްޒަފުން އެކަން ސާބިތުކޮށްދީފައިވާ ކަމަށާއި އެކަމަށްޓަކައި ސްޓެލްކޯގެ ހުރިހާ މުވައްޒަފުންނަށް ޝުކުރު އަދާކުރާ ކަމަށެވެ.
"އެންއީއޯސީގެ ތަފާތު އެކި މަސައްކަތްތަކުގައި ސްޓެލްކޯގެ 50 މުވައްޒަފުން އަވަދިނެތި މަސައްކަތް ކުރަމުންގެންދޭ. އެހެން ދުވަސްތަކަކާ ތަފާތެއް ނެތި. ކުންފުނިން ދެމުންގެންދާ ހިދުމަތް މިދުވަސްތަކުގައިވެސް ދަނީ ދެމުން. ކޮވިޑްގެ މަސައްކަތުގައި ސަރުކާރުގެ ހުރިހާ އެދިވަޑައިގަތުމަކަށް އެހީތެރިވެދެވުނު. ކަސްޓަމާ ކެއާގެ ހިދުމަތްތައް ލަސްކަމެއްނެތި ފޯރުކޮށްދެވުނު. ސީއެސްއާރުގެ ގޮތުގައި ހަ މިލިއަނާ ގާތަށް ވަނީ އެހީތެރިކަން ފޯރުކޮށްދެވިފައި،" މުޣުނީ ވިދާޅުވިއެވެ.
ސްޓެލްކޯ އިން މައުލޫމާތުދޭ ގޮތުގައި ގްރޭޓާ މާލެ ސަރަހައްދުގައި ސްޓެލްކޯގެ އިންޖީނުގެ ގެތަކުގައި ޖުމްލަ 217 މުވައްޒަފަކު ފުރަބަންދުވެގެން ހިދުމަތް ދިނުމުގައި 59 ދުވަސް ވަނީ ހޭދަކޮށްފައެވެ. އެ ހުރިހާ މުވައްޒަފުންގެ ހިދުމަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން މިއަދު ވަނީ ސެޓްފިކެޓެއް ދީފައެވެ. އެގޮތުން މާލޭގައްޔާއި، ހުޅުމާލެ އަދި ވިލިމާލޭގައި އެއްވަގުތެއްގައި މިކަމަށްޓަކައި ރަސްމިއްޔާތުތަކެއް ބާއްވާފައިވާ ކަމަށް ސްޓެލްކޯ އިން މައުލޫމާތުދެއެވެ.