ހުޅުމާލެއިން 6.8 ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ތިން މީހުންގެ ތެރެއިން ދެ މީހެއްގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.
ފުލުހުން ބުނީ ރޭ ހުޅުމާލެއިން ހައްޔަރުކުރި ތިން މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ދެ މީހަކު ބަންދުގައި ބޭތިއްބުމަށް 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.
ރޭ ހިންގި އޮޕަރޭޝަނުގައި ޖުމުލަ ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އެމީހުންގެ ތެރެއިން އެކަކުގެ ގެ ބަލައި ފާސްކުރި އިރު މަސްތުވާތަކެތި ފެނިފައި ނުވާތީ އެމީހާ ދޫކޮށްލާފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެ ތިން މީހުންނަކީ ވެސް މަސްތުވާތަކެތީގެ ނެޓްވޯކެއްގައި ހިމެނޭ ކަމަށް ތުހުމަތުކުރެވޭ ބައެއް ކަމަށެވެ.
އެ މައްސަލައާ ގުޅޭގޮތުން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ އެ މައްސަލައިގައި ހައްޔަރުކުރީ ދިވެހި ތިން ފިރިހެނުން ކަމަށާއި އަތުލައިގަނެވުނު މަސްތުވާތަކެތީގެ މަގުމަތީ އަގު 5.6 މިލިއަން ރުފިޔާއަށް އަރާނެ ކަމަށެވެ.
މިދިޔަ މާޗު މަހުގެ ތެރޭގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ވެސް ވަނީ 61 ކިލޯގެ މަސްތުވާތަކެތި ހޯދައި 11 ދިވެހިން ހައްޔަރުކޮށްފައެވެ. އެމީހުންނަށް ދައުވާކުރުމަށް މިހާރު ވަނީ ފޮނުވައިފައެވެ. އޭރު އަތުލައިގަނެވުނު މަސްތުވާތަކެތީގެ މަގުމަތީ އަގު 72 މިލިއަން ރުފިޔާއަށް އަރައެވެ.