ހުޅުމާލެއިން 6.8 ކިލޯގެ މަސްތުވާތަކެއްޗާއެކު ތިން ދިވެއްސަކު ހައްޔަރުކޮށްފިއެވެ.
ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފުލުހުންގެ ކައުންޓާ ނާކޮޓިކްސް ޓީމުން ރެއިން ފެށިގެން ކުރި މަސައްކަތުން 6.8 ކިލޯގެ ކެނަބިސް އަތުލައިގެންފައިވާ ކަމަށެވެ. މި ތަކެތީގެ މަގުމަތީ އަގު 5.6 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ވިދާޅުވިއެވެ.
ހަމީދު ވިދާޅުވީ، މި މައްސަލައާ ގުޅިގެން ތިން ދިވެއްސަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
މިދިޔަ މާޗު މަހުގެ ތެރޭގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ވަނީ 61 ކިލޯގެ މަސްތުވާތަކެތި ހޯދައި 11 ދިވެހިން ހައްޔަރުކޮށްފައެވެ. އެމީހުންނަށް ދައުވާކުރުމަށް މިހާރު ވަނީ ފޮނުވައިފައެވެ. އޭރު އަތުލައިގަނެވުނު މަސްތުވާތަކެތީގެ މަގުމަތީ އަގު 72 މިލިއަން ރުފިޔާއަށް އަރައެވެ.