އަލީ ޔާމިން
އެމްޑީޕީގެ އެކްޓިވިސްޓް ޖައުފަރު ރަޝީދު (ޖޯރޭ)އާ ދެކޮޅަށް ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވަނީ ސެކިއުރިޓީން ކަމަށާއި އެއީ އެމަނިކުފާނު ބޭނުންވެގެން ކުރި ކަމެއް ނޫން ކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށް އެމްޑީޕީގެ އެކްޓިވިސްޓް ޖޯރޭ މަގުމަތިން ދިމާކޮށް ފުރައްސާރަ ކުރި މައްސަލައެއް ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި އިއްޔެ ހެނދުނު ޑރ. ވަހީދު ފަތާ ޓްރެކް ސަރަހައްދުގައި އުޅުއްވަނިކޮށް އެމަނިކުފާނަށް ހަޑި ހުތުރު ބަހުން އެއްޗެހި ކިޔައި ފުރައްސާރަ ކުރި މައްސަލައެއް އެދުވަހުގެ ހެނދުނު 7:07 ގައި ފުލުހުންނަށް ރިޕޯޓުކޮށްފައިވެއެވެ.
ރައީސް ވަހީދު "ވަން" އަށް މިއަދު ދެއްވި އިންޓަވިޔުއެއްގައި ވިދާޅުވީ، ޖައުފަރުގެ މައްސަލަ ފުލުހުންނަށް ހުށަހެޅީ ސެކިއުރިޓީން ކަމަށާއި އެއީ އެމަނިކުފާނު ބޭނުންވެގެން ކުރެއްވި ކަމެއް ނޫން ކަމަށެވެ. ނަމަވެސް ކޮންމެ މީހަކަށްވެސް މަގުތަކަށް ނުކުމެ އަމާންކަމާއެކު އުޅެވޭނެ ތަނަކަށް މަގުތައް ވާން ޖެހޭ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑު ދަންނަވައިގެންނެއް ނޫން. އެ ދެ ސެކިއުރިޓީން އަރިހުގައި ތިއްބައި ހިނގި ކަމެއް ވީމަ ސެކިއުރިޓީން އެކަން ފުލުހުންނަށް އެންގީ. އަޅުގަނޑު ކޮންމެހެން ކުރާން ބޭނުންވާ ކަމެއް ވެސް ނޫން އެއީކީ. އެކަމަކު ކޮންމެ މީހަކަށްވެސް މަގުތަކަށް ނުކުމެ، އުޅެވޭ ފަދަ ރައްކާތެރި އަދި އަމާންކަން ލިބޭ ތަނަކަށް މަގުތައް ވާން ޖެހޭނެ. އެ ޔަގީންކަން އޮންނަން ޖެހޭ،" ޑރ. ވަހީދު ވިދާޅުވިއެވެ.
ރައީސް ވަހީދާއި އެމަނިކުފާނުގެ އަނބިކަނބަލުން އިލްހާމް ހުސެއިނަށް އިއްޔެ އެމްޑީޕީގެ އެކްޓިވިސްޓެއް ކަމަށްވާ ޖައުފަރު ހަމަލާ ދިން ކަމަށް ވިދާޅުވެ، ފުލުހަށް ހުށަހަޅާފައިވާ މައްސަލައަކީ އިތުރުފުޅެއް ކަމަށް ވިދާޅުވެ މަޖިލީހަށް މިއަދު ވަނީ ކުއްލި މައްސަލައެއް ވައްދައިފައެވެ. މި މައްސަލަ މަޖިލީހަށް ވައްދާފައިވަނީ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) އެވެ. އެ މައްސަލައަށް ބަހުސް ކުރައްވަމުން އެމްޑީޕީގެ މެންބަރުން ވަނީ ރައީސް ވަހީދަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކޮށްފައެވެ.
ރައީސް ވަހީދު މިއަދު ވަނީ އެކަމާ ގުޅޭގޮތުން ވެސް ޓުވީޓެއް ވެސް ކުރައްވައިފައެވެ. އެ ޓުވީޓުގައި ރައީސް ވަހީދު ވިދާޅުވީ އެމަނިކުފާނާ ގުޅޭގޮތުން މަޖިލީހުގައި މިއަދު ކުރެވުނު ބަހުސަކީ ބޭކާރު ބަހުސެއް ކަމަށެވެ. ގާނޫނު ދަމަހައްޓައި އަދި ނަގަހައްޓަން ތިބި މަޖިލީހުގެ ރައީސް އާއި މެންބަރުން، އާންމުންގެ ކިބައިން ގާނޫނުތައް މުގުރާލުމަށްފަހު އެމަނިކުފާނާ ދިމާކުރަން ގޮވާލުމަކީ ހިތާމަ ހުރި ކަމެއް ކަމަށްވެސް ރައީސް ވަހީދު ވިދާޅުވިއެވެ.
މީގެ އިތުރުން ޖައުފަރު އެމަނިކުފާނާ ދިމާއަށް "ބާގީ" އޭ ގޮވި ހަނދާނެއް ނުވާ ކަމަށާއި ނަމަވެސް ހަޑިހުތުރު އެހެން ބަސްތައް ބޭނުންކޮށްފައިވާ ކަމަށް ރައީސް ވަހީދު ވިދާޅުވިއެވެ.
ޖައުފަރު މައްސަލަ ފުލުހުންނަށް ހުށަހެޅުމާއެކު ރައީސް ނަޝީދު ވެސް ވަނީ އޭނާގެ ދިފާއުގައި ވާހަކަދައްކަވައިފައެވެ. ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ސަރުކާރުގެ ނައިބު ރައީސްގެ މަގާމުގައި ހުންނަވައިގެން އެ ސަރުކާރު ބަޣާވާތަކުން ބަދަލުކުރުމުން، ދިވެހިންނަށް ރައީސް ވަހީދު ފެނުމުން ބާޣީ އޭ ގޮވޭ ކަމަށެވެ. އަދި އެމަނިކުފާނުގެ ކުރީގެ ނައިބު ރައީސް 2012 ވަނަ އަހަރު އެމްޑީޕީގެ ސަރުކާރު ބަޣާވާތަކުން ބަދަލު ކުރައްވައި އިންތިހާބު ނުވެ ރައީސްކަން ކުރެއްވި ކަމަށް ރާއްޖޭގެ ވަރަށް ގިނަ ރައްޔިތުން ދެކޭ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.