ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް ސޯލިހާއި އިންޑިއާގެ ރައީސް ބައްދަލުކުރައްވައިފި

އިންޑިއާގެ ބޮޑުވަޒީރުގެ ދައުވަތަކަށް ފުރަމާނަ ދަތުރުފުޅެއްގައި އެގައުމަށް އިއްޔެ ވަޑައިގެންނެވި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އިންޑިއާގެ ރައީސް ރާމް ނާތު ކޯވިންދު މިރޭ ބައްދަލުކުރައްވައިފިއެވެ.

އެ ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ރާއްޖެއާއި އިންޑިއާއާ ދެގައުމުގެ އެކުވެރި ގުޅުމާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވައިފައެވެ.

ދެބޭފުޅުންގެ އެ ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވެސް ވަނީ ދެ ގައުމަށްވެސް ފައިދާވާ ގޮތަށް ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން މަޝްވަރާކުރައްވައިފައެވެ.

އިންޑިއާގެ ރައީސް ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ ތަރައްގީގައި އިންޑިއާއިން އަބަދުވެސް ހިއްސާވާނެ ކަމުގެ ޔަގީންކަން ރައީސް ސޯލިހަށް ދެއްވިއެވެ.

އެ ބައްދަލުކުރެއްވުމަށްފަހު، ރައީސް ސޯލިހުގެ ޝަރަފުގައި އިންޑިއާގެ ރައީސް ޝްރީ ރާމް ނާތު ކޯވިންދް ވަނީ ޖާފަތެއް ދެއްވައިފައެވެ.

އެ ޖާފަތުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންނާ މުޚާތަބު ކުރައްވައި ރައީސް ސޯލިހު ދެއްކެވި ވާހަކަފުޅުގައި ބައިނަލްއަޤްވާމީ މުޖުތަމައުގައި އާ ގުޅުންތައް ގާއިމު ކުރުމާ އެއްވަރަށް މިހާތަނަށް ގާއިމުކޮށްފައިވާ ގުޅުންތައް ދެމެހެއްޓުމަށްވެސް މި ސަރުކާރުން އަހަންމިއްޔަތުކަން ދޭ ކަމުގައި ވިދާޅުވިއެވެ.