ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް ސޯލިހުގެ އަރިހަށް އިންޑިއާގެ ނައިބު ރައީސް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

އިންޑިއާގެ ބޮޑުވަޒީރުގެ ދައުވަތަކަށް ފުރަމާނަ ދަތުރުފުޅެއްގައި އެގައުމަށް އިއްޔެ ވަޑައިގެންނެވި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހަށް އިންޑިއާގެ ނައިބު ރައީސް ޝްރީ ވެންކައިއަ ނައިޑު މިއަދު އިހްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު އިންޑިއާގެ ރާޝްތްރަޕަތީ ބާވަންގައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދުގައި އޮތް ގާތް ރަހުމަތްތެރި ގުޅުން ފާހަގަކުރައްވައި، އެ ގުޅުން ކުރިއަށް އޮތްތާނގައި އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. ދެގައުމުގެ އެ ގުޅުން ބިނާވެފައިވަނީ ސަގާފީ އަދި ޒަމާންވީ ތަރިކަތަކުގެ މައްޗަށް ކަމުގައި ހާމަކުރެއްވިއެވެ. އެ ބައްދަލުކުރެއްވުމުގައި ދެބޭފުޅުންވެސް ވަނީ ދެގައުމުން ޝައުގުވެރިވާ ކަންކަމާ ބެހޭގޮތުން މަޝްވަރާކުރައްވައިފައެވެ.

އިންޑިއާގެ ނައިބު ރައީސްގެ ވާހަކަފުޅުގައި ރާއްޖޭގެ ތަރައްގީއަށް އިންޑިއާގެ ފަރާތުން އެހީތެރިކަމާއި ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ވަނީ ރައީސް ސޯލިހަށް އަރުވައިފައެވެ.

ރައީސް ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު އިންޑިޔާއަށް މިހާރު ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅަކީ އިންޑިއާގެ ބޮޑުވަޒީރުގެ ދައުވަތަކަށް އެގައުމަށް ކުރައްވާ ދަތުރުފުޅެކެވެ. ރައީސް ސޯލިހުގެ މި ދަތުރުފުޅުގައި އެމަނިކުފާނާއި އެމަނިކުފާނުގެ އަނބިކަނބަލުން ތިއްބެވުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ ރައީސް ރާމް ނާތު ކޯވިންދްގެ ހާއްސަ މެހެމާނުންގެ ގޮތުގައި ރާޝްތްރަޕަތީ ބާވަންގައެވެ.