އިބްރާހިމް ޒަކީ
ހަތެއް ފެބްރުއަރީ 2012 ގައި ކުރީގެ ރައީސް އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވެއްޓުނު މައްސަލައިގައި، އޭރުގެ ނާއިބު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަންމަނިކު ކުރައްވާފައިވާ ބަޣާވާތަށް ދިވެހި ރައްޔިތުން މައާފު ނުކުރާ ކަމަށާއި، އެ މައްސަލަ އަދި ބަލާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބުދުﷲ ވިދާޅުވެެއްޖެއެވެ.
ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށް ފުރައްސާރަ ކުރި ކަމަށް ބުނެ އެމްޑީޕީގެ އެކްޓިވިސްޓު އިބްރާހިމް ޖައުފަރު (ޖޯރޭ)ގެ މައްސަލަ ފުލުހަށް ހުށަހެޅުއްވީ ބާރާއި ނުފޫޒުން ނުހައްގުން އޭނާއަށް އަނިޔާދިނުމަށް ކަމަށްބުނެ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައަށް ވާހަކަ ދައްކަަވަމުން އީވާ ވިދާޅުވީ، ދިވެހި ރައްޔިތުން އެކަން ހަނދާން ނެތުނީކަމަށް ނުވަތަ މައާފު ކުރެއްވީ ކަމަށް ޑރ. ވަހީދަށް ހީފުޅުވި ނަމަވެސް އެކަމަށް ދިވެހި ރައްޔިތުން މައާފު ނުކުރާނެ ކަަމަށެވެ.
"ދިވެހި ރައްޔިތުން ދިރިއުޅުމަށް ގޮތެއް ހޯދަންވެގެން މަސައްކަތްކުރަން ފެށީމާ ރައްޔިތުން އެކަން ހަނދާނެތީ ކަމަށް ނުވަތަ މައާފު ކުރީކަމަށް ހީފުޅުވީކަންނޭނގެ، އެއްވެސް ރައްޔިތަކު ހަނދާން ނެތުނީކީއެއް ނޫން އަދި މައާފު ކުރީކީއެއްވެސް ނޫން، ދިރިއުޅުމަށް އެހެން ގޮތެއް ބޭނުން ވެ ކުރިޔަށްދާން ބޭނުންވާތީ އަޅުގަނޑުމެން ކުރިޔަށްދިޔައީ އޭގެ މާނައަކީއެއްވެސް ހާލަތެއްގައި އަޅުގަނޑުމެން މައާފު ކުރީކީނޫން،" އީވާ ވިދާޅުވިއެވެ.
ޖައުފަރުގެ މައްސަލަ ފުލުހަށް ހުށަހަޅުއްވާފައިވާތީ، އީވާ ވިދާޅުވީ، ފުލުހުން އެ މައްސަލަ ބަލަން ޖެހޭނެ ކަމަށާއި، ނަމަވެސް އެ މައްސަލަ ނިމޭއިރު، ޖައުފަރު، ރައީސް ވަހީދަށް ބާޣީއޭ ގޮވީ ކީއްވެތޯ ތަހުގީގުކޮށް، ބަޣާވާތާ ހަމަޔަށް އެ ތަހުގީގު ދާން ޖެހޭނެ ކަމަށްވެސް އީވާ ވިދާޅުވިއެވެ.