އިބްރާހިމް ޒަކީ
ގައުމުގެ އަމަން އަމާންކަން ނަގާލުމަށާއި، މުސްތަގުބަލު ހަލާކު ކޮށްލަން، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވެ، އެމަނިކުފާނު ހައްޔަރުކުރަން ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހުމަދު ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަށް ގޮވާލައްވައިފިއެވެ.
ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށް ފުރައްސާރަ ކުރި ކަމަށް ބުނެ އެމްޑީޕީގެ އެކްޓިވިސްޓު އިބްރާހިމް ޖައުފަރު (ޖޯރޭ)ގެ މައްސަލަ ފުލުހަށް ހުށަހެޅުއްވީ ބާރާއި ނުފޫޒުން ނުހައްގުން އޭނާއަށް އަނިޔާދިނުމަށް ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައަށް ވާހަކަދައްކަަވަމުން ހަސަން ވިދާޅުވީ، ރައީސް ނަޝިދުގެ ނާއިބު ރައީސްގެ ގޮތުގައި ހުންނަވައިގެން އެމަނިކުފާނާ ދެކޮޅަށް ރައީސް ވަހީދު ބަޣާވާތް ކުރައްވާފައިވާ ކަމަށެވެ.
އެހެންކަމުން ރައީސް ވަހީދު ރައިސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ވަޑައިގެންނެވީ ރައްޔތުންގެ ވޯޓަކާ ނުލައި ކަމަށްވެސް ވިދާޅުވިއެވެ. މެންބަރު ވިދާޅުވީ، 2012 ގައި ކަންތައް ހިނގިގޮތަށް ބަޣާވާތް ކުރަން ރައީސް ވަހީދު މިހާރު އަނެއްކާ މަސައްކަތް ފައްޓަވާފައިވާ ކަމަށާއި އެެގޮތުން ގައުމުުގައި ހަމަނުޖެހުން ހިންގައި ގައުމުގެ މުސްތަގުބަލް ނަގާލަން މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށެވެ.
އެފަދަ މީހުން މުޖުތަމައަށް ދޫވެފައި ތިބުމަކީ ނާމާންކަމެއް ކަމަށާއި އަމާންކަން ގެއްލި ހިނގައިދާނެތީ، ޑރ. ވަހީދު މިހާރުން މހާރަށް ހައްޔަރުކުރުމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދަށް ގޮވާލައްވާ ކަމަށްވެސް ވިދާޅުވިއެވެ.
ހަސަން ވިދާޅުވީ، ރައީސް ނަޝިދުގެ ވެރިކަން ބަދލުވިގޮތް ތަހުގީގުކޮށް ނެރެފައިވާ ކޯނީ ރިޕޯޓް އަލުން ތަހުގީގު ކުރަންޖެހޭ ކަމަށެވެ. އެހެންކަމުން އެ ރިޕޯޓް ހޯދައި، ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން އެ ރިޕޯޓް ރަނގަޅަށް ތަހުގީގު ކުރަންވެސް އޭނާ ގޮވައިލެއްވިއެވެ.