އަލީ ޔާމިން
މާދަމާއިން ފެށިގެން ލޮކްޑައުނަށް ބޮޑެތި ލުއިތަކެއް ދިން ނަމަވެސް މިހާރު ކުނި ނަގަމުން އަންނަ އުސޫލަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ވޭސްޓް މެނޭޖުމެންޓް ކޯޕަރޭޝަން (ވެމްކޯ) އިން ބުނެފިއެވެ.
ލޮކްޑައުންއާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ވެމްކޯއިން ކުނި ނަގަމުން އައިސްފައިވަނީ ކޮންމެ ދުވަހެއްގެ މެންދުރު 12:00 އިން 14:00 އާ ދެމެދުއެވެ. އަދި ކުނި ނަގަމުން އައިސްފައިވަނީ އިމާރާތުގެ ތިރިންނެވެ.
ވެމްކޯއިން މިއަދު ނަރުނު ބަޔާނެއްގައި ބުނީ، މާދަމާއިން ފެށިގެން އޮގަސްޓު މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް މާލޭގެ ގޭބިސީތަކުގެ ދުވަހު ކުރިން އަމަލު ކުރެވިފައިވާ އުސޫލުގެ ދަށުން ކުނި ނަގަމުން ގެންދާނެ ކަމަށެވެ.
މީގެ އިތުރުން މޮނީޓަރިންގައިވާ ގޭބިސީތަކުގެ ކުނި ނަގަމުންދާނީ ކުރިއެކޭވެސް އެއްފަދައިން ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ)ގެ އިރުޝާދާއެކު އެ ކުންފުނީގެ ހާއްސަ ޓާސްކް ފޯސްއަކުން ކަމުގައިވެސް ވެމްކޯއިން ބުނެއެވެ.
ވެމްކޯއިން ވަނީ އެކުންފުނީގެ މުވައްޒަފުންނާއި ކަސްޓަމަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް ސަމާލުކަން ދޭން ޖެހޭތީ އެ ކޯޕަރޭޝަނުން އާންމުކޮށްފައިވާ ކުނި ބަންދުކުރުމުގެ މިންގަނޑާއި އެއްގޮތަށް ކުނި ބަންދުކޮށް، ކުނި ނެރެން އޮންނަ ވަގުތަށް ކުނި ނެރެދިނުމަށް ކަސްޓަމަރުންނަށް އިލްތިމާސްކޮށްފައެވެ.