އަލީ ޔާމިން
ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދަށް ފުރައްސާރަ ކުރި ކަމަށް ބުނެ އެމްޑީޕީގެ އެކްޓިވިސްޓު އިބްރާހިމް ޖައުފަރު (ޖޯރޭ)ގެ މައްސަލަ ފުލުހަށް ހުށަހެޅުމުން ސާބިތުވެގެންދަނީ ރައީސް ވަހީދުގެ ލާއިންސާނީކަމާއި، އަނިޔާވެރިކަމުގެ އިތުރުން ގޮތެއްފޮތެއް ނެތްކަން ކަމަށް އެމްޑީޕީން ބުނެފިއެވެ.
އެމްޑީޕީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އެޕާޓީގެ އެކްޓިސްޓް އިބްރާހިމް ޖައުފަރު، ރައީސް ވަހީދަށް މުހާތަބުކޮށް ނުރުހުމުގެ ބަސްތަކެއް ރައްދުކުރުމުން، އެކަމަށްޓަކައި އޭނާގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި ދައުވާކޮށް، އަދަބު ދިނުމަށް ރައީސް ވަހީދު ފުލުސް އޮފީހަށް މައްސަލަ ހުށަހެޅުއްވިކަމީ އެމަނިކުފާނުގެ ލާއިންސާނިއްޔަތުކަމާއި، އަނިޔާވެރިކަމާއި، ގޮތެއްފޮތެއް ނެތްކަން އަނެއްކާވެސް ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދިން އަމަލެއް ކަމަށެވެ.
އެ ބަޔާނުގައި ބުނީ ޑިމޮކްރެޓިކް އުސޫލުން ފުރަތަމަ ފަހަރަށް ރައްޔިތުން އިންތިހާބުކުރި ވެރިކަން ބަޣާވާތަކުން ވައްޓާލުމަށްފަހު ރައްޔިތުންނަށް ކުރި ލާއިންސާނީ އަނިޔާއާއި ދިވެހިރާއްޖެއަށް ދިން ބޮޑު ގެއްލުމަށް އިންސާފު ލިބިފައި ނުވާއިރު، އެ އަނިޔާ ދިނުމުގެ މުގުލުގައި ތިއްބެވި ބޭފުޅުންނާ މެދު ނުރުހުމުގެ ޝުއޫރުތައް ރައްޔިތުން ފާޅުކުރަމުން ގެންދާނެކަން ވަހީދު ވެސް ގަބޫލުފުޅުކުރައްވާނެ ކަމަށެވެ.
އުސްފަސްގަނޑު ސަރަޙައްދު މަގުމަތިން ޖޯރޭ ނުރުހުމުގެ ބަސްތަކަކުން އަދި "ބާގީ" ގެ ނަމުން ވަހީދަށް މުހާތަބުކުރައްވާފައިވަނީ، އޭނާއާ ދިމާއަށް ރައީސް ވަހީދު ވަނަމަކުން ގޮވައި މުހާތަބުކުރެއްވުމުން އުފެދުނު ޒުވާބެއްގެ ތެރެއިން ކަމަށާއި މިގޮތަށް ހަމައެކަނި ބަސްތަކަކުން މުހާތަބުކުރެވުނުހިނދު، "ޖިސްމާނީ ހަމަލާއެއް" ދީފައިވާ ކަމަށް ދޭހަވާގޮތަށް ވަހީދު ޓުވީޓު ކުރެއްވުމަކީ ހަގީގަތް އޮޅުވާލެއްވުމުގެ ގޮތުން ކުރެއްވި ކަމެއް ކަމުގައި އެޕާޓީން ދެކޭ ކަމަށް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.
އެމްޑީޕީން ބުނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ނައިބު ރައީސަކަށް ހުންނަވައިގެން އެމަނިކުފާނުގެ ސަރުކާރު ބަޣާވާތަކުން ވައްޓާލުމަށްފަހު، ބަޣާވާތުގެ ވެރިކަން ދިފާއުކުރެއްވުމަށްޓަކައި ރައްޔިތުންނަށް ޖިސްމާނީ ބޮޑެތި އަނިޔާތައް ދީފައިވާ އިރު، އޭގެ ތެރެއިން ޖޯރޭއަށް ވެސް ނުހަނު ބޮޑެތި ލާއިންސާނީ އަނިޔާތައް ކޮށްފައިވާ ކަމަށާއި އެގޮތުން އޭނާއަށް ލިބުނު އަނިޔާތަކުގެ އަސަރުގައި މިހާރުވެސް ދޭތެރެ ދޭތެރެއިން ޝޮކް ޖެހި ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާކުރަން ޖެހިފައިވާ ކަމަށެވެ.
އެމްޑީޕީން ވަނީ ޖޯރޭއަށް ކުރި ލާއިންސާނީ ބޮޑެތި އަނިޔާތައް ތަހުގީގުކުރެވި އޭނާއަށް އިންސާފު ލިބިފައި ނުވާ ކަމަށް ވެސް ބުނެފައެވެ.