ޚަބަރު

ރައީސް ވަހީދު އެމްޑީޕީ ވެރިކަން ބަދަލުކުރީ ބަޣާވާތަކުން، ބާޣީ އެކޭ ގޮވެނީ އެހެންވެ: ރައީސް ނަޝީދު

އެމްޑީޕީގެ ސަރުކާރުގެ ނައިބު ރައީސްގެ މަގާމުގައި ހުންނަވައިގެން އެ ސަރުކާރު ބަޣާވާތަކުން ބަދަލުކުރުމުން، ދިވެހިންނަށް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ފެނުމުން ބާޢީ އޭ ގޮވޭ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ، އެމްޑީޕީގެ އެކްޓިވިސްޓަކު، ރައީސް ވަހީދާއި އެމަނިކުފާނުގެ އަނބިކަނބަލުންނާ މަގުމަތިން ދިމާކޮށް އަވަގުރާނަ ގޮވި މައްސަލައާ ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.

ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނުގެ ކުރީގެ ނައިބު ރައީސް 2012 ވަނަ އަހަރު އެމްޑީޕީގެ ސަރުކާރު ބަޣާވާތަކުން ބަދަލު ކުރައްވައި އިންތިހާބު ނުވެ ރައީސްކަން ކުރެއްވި ކަމަށް ރާއްޖޭގެ ވަރަށް ގިނަ ރައްޔިތުން ދެކޭ ކަމަށެވެ.

"އެހެންކަމުން ވަރަށް ގިނަ ދިވެހިންނަށް ކުރީގެ ނައިބު ރައީސް ފެނުމުން ބާޣީ އޭ ގޮވޭ،" ނަޝީދުގެ ޓުވީޓުގައި ވިދާޅުވިއެވެ.

ރައީސް މުހައްމަދު ނަޝީދު، ފެބްރުއަރީ 7، 2012 ގައި އިސްތިއުފާ ދެއްވުމުން ވެރިކަމާ ހަވާލުވެވަޑައިގެންނެވި އޭރުގެ ނައިބު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އެވެ. ރައީސް ނަޝީދާއި އެމްޑީޕީގެ މެންބަރުން ގަބޫލުކުރައްވާ ގޮތުގައި ޑރ. ވަހީދު ވެރިކަމަށް ވަޑައިގެންނެވީ "ބަޣާވާތް" ކޮށްގެންނެވެ.

ނަމަވެސް ބައިނަލްއަގުވާމީ ފެންވަރެއްގައި ކުރި ތަހުގީގަކުން، ފެބްރުއަރީ 7 އަކީ، ބަޣާވާތެއް ނޫން ކަމާއި ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވީ އަމިއްލަފުޅު އިޚުތިޔާރުގައި ކަމަށް ވަނީ ނިންމައިފައެވެ.