ޚަބަރު

މުޅި ރަންރީނދޫ ލަޝްކަރު ޖޯރޭގެ ދިފާއުގައި ތެދުވެއްޖެ

އަލީ ޔާމިން

4

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށް އެމްޑީޕީގެ އެކްޓިވިސްޓް "ޖޯރޭ" މަގުމަތިން ދިމާކޮށް ފުރައްސާރަ ކުރި މައްސަލައެއް ފުލުހުން ބަލަން ފަށުމާއެކު، ޖޯރޭގެ ދިފާއުގައި އެމްޑީޕީގެ ގިނަ ބަޔަކު އަޑު އުފުލަން ފަށައިފިއެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި މިއަދު ހެނދުނު ޑރ. ވަހީދު ފަތާ ޓްރެކް ސަރަހައްދުގައި އުޅުއްވަނިކޮށް އެމަނިކުފާނަށް ހަޑި ހުތުރު ބަހުން އެއްޗެހި ކިޔައި ފުރައްސާރަ ކުރި މައްސަލައެއް މިއަދު ހެނދުނު 7:07 ގައި ފުލުހުންނަށް ރިޕޯޓުކޮށްފައިވެއެވެ.

ޑރ. ވަހީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމަނިކުފާނާއި އެމަނިކުފާނުގެ އަނބިކަނބަލުންނާ މަގުމަތީން ދިމާކޮށް އަވަގުރާނަ ގޮވާފައިވަނީ އެމްޑީޕީގެ އެކްޓިވިސްޓެއް ކަމަށެވެ. ދަރުބާރުގޭ ބިއްދޮށު އުސްފަސްގަނޑު ސަރަހައްދުން ފެށިގެން ބްރިޖާ ހަމަޔަށް އަވަގުރާނަ ގޮވަމުން އެމީހާ ދިޔަ ކަމަށްވެސް ޑރ. ވަހީދު މިއަދު "ވަން" އަށް މައުލޫމާތުދެއްވަމުން ވިދާޅުވިއެވެ.

ޖޯރޭގެ މައްސަލަ ފުލުހަށް ހުށަހެޅުމާއެކު އެމްޑީޕީގެ ރަން ރީނދޫ ލަސްކަރު ވަނީ މީސް މީޑިޔާގައި ޖޯރޭގެ ދިފާއުގައި ނުކުމެ ޝުއޫރު ފާޅުކުރަން ފަށައިފައެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ ތަމްސީލުކުރައްވާ ބައެއް މެންބަރުންވެސް ހިމެނިވަޑައިގަންނަވައެވެ.

ޖޯރޭ ދިފާއުކޮށް ގިނަ ފަރާތްތަކުން ބުނަމުންދަނީ ޑރ. ވަހީދުގެ ވެރިކަމުގައި ދިވެހި ރައްޔިތުންނަށް ކުރި އަނިޔާ ކުޑަ ނޫން ކަމަށާއި ހުދު ޖޯރޭއަށްވެސް ބޮޑެތި އަނިޔާތަކެއް ދީފައިވާ ކަމަށެވެ. އެމްޑީޕީއަށް ސަޕޯޓުކުރާ ގިނަ ފަރާތްތަކުން ސިފަކުރާ ގޮތުގައި ޖޯރޭއަކީ އެމްޑީޕީގެ ރޫހުގެ ފިސާރި ފަހުލަވާނެކެވެ.

"ޖޯރޭއަށް ޝުކުރިއްޔާ! އޭރުވެސް މިހާރުވެސް އެމްޑީޕީގެ ރޫހުގަދަ ފިސާރި އެމްޑީޕީ ފަހުލަވާނެއް. ވަހީދު ކުރީ ބަގާވާތެއްކަން ހަނދާން ނުނެތޭ. މަވެސް ޖޯރޯއާއެކު،" ޓުވިޓާގައި ޖޯރޭ ދިފާއުކޮށް މީހަކު ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވެއެވެ.

ޖޯރޭ ދިފާއުކޮށް އޭނާއަށް ފުލުހުން އަނިޔާކުރާ ފޮޓޯއެއް ހިއްސާކުރައްވައި ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އުޅެއުޅެ އަނިޔާއަށް އިންސާފު ނުލިބި، އަނިޔާވެރިޔާ ފެނުމުން އަނިޔާވެރިޔާއާ ދިމާލަށް އެއްޗެއް ބުނެވުމަކީ އިންސާނީ ތަބީއަތް ކަމަށާއި އިހުތިރާމަކީ ގަދަ ބާރުން ހޯދޭނެ އެއްޗެއް ނޫން ކަމަށެވެ.

ޑރ. ވަހީދު 2012 ވަނަ އަހަރު ރާއްޖޭގެ ވެރިކަމަށް ވަޑައިގެންނެވީ، އޭރުގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ހިނގައިދިޔަ ހަމަނުޖެހުންތަކަށްފަހު، ރައީސް ނަޝީދު އިސްތިއުފާ ދެއްވުމާއެކު އެމަނިކުފާނުގެ ނައިބު ރައީސްގެ ހައިސިއްޔަތުންނެވެ.

ވެރިކަން ނައިބު ރައީސް ވަހީދުގެ އަތް މައްޗަށް ފުރޮޅުމާ އެކު، ރައީސް ނަޝީދު ނިސްބަތްވާ އެމްޑީޕީން ބުނަމުން ދިޔައީ ޑރ. ވަހީދު ވެރިކަމަށް ވަޑައިގެންނެވީ "ބަޣާވާތް" ކޮށްގެން ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟