ކާނާގެ ޔަގީންކަން ކަށަވަރުކުރުމުގައި ދަނޑުވެރިކަން ހިއްސާކުރާ މިންވަރު އިތުރުކުރުމުގެ ސިޔާސަތުގެ ދަށުން، މާލޭގައި "އާބަން ގާޑެނިން" މޮޑެލްއެއް ތައާރަފުކުރުމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާއިން ނިންމައިފިއެވެ.
އެ މިނިސްޓްރީން މިއަދު ކުރި އިއުލާނުގައި ބުނެފައިވަނީ، އެ ޕްރޮގްރާމް ކުރިއަށްގެންދިއުމަށް ހަމަޖައްސާފައިވަނީ ހުސްބިމެއް ނުވަތަ ޓެރަސްއެއް ފަދަ ތަނެއްގައި ކަމަށާއި ތައާރަފުކުރެވޭ މޮޑެލް ބިނާވާނީ ޕްރޮގްރާމް ކުރިއަށްގެންދަން ހަމަޖެހޭ ތަނެއްގެ ކުޑަބޮޑުމިނެއްގެ މައްޗަށް ކަމަށެވެ.
މި މޮޑިއުލްގައި ގަސް ހެއްދުމަށް އެއްވެސް ކެމިކަލްއެއް ބޭނުން ނުކުރާނެ ކަމަށާއި ގަސްކާނާގެ ގޮތުގައި މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އޯގަނިކް ކޮމްޕޯސްޓްގެ ބާވަތްތައް ކަމަށްވެސް މިނިސްޓްރީގެ އިއުލާނުގައިވެއެވެ. އަދި ގޭބިސީތަކުން އުކާލާތަކެތި ބޭނުންކޮށްގެން ގަސްކާނާ އުފެއްދުންވެސް މި ޕްރޮގްރާމުގައި ހިމަނާފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.
މި ޕްރޮގްރާމަށް ބޭނުންވާ ހުރިހާ ތަކެއްޗެއް ފޯރުކޮށްދޭނީ މިނިސްޓްރީންނެވެ.
ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީން ބުނީ މި މޮޑިއުލްގެ އަމަލީ މަސައްކަތް ފަށާނީ ކޮވިޑް 19އާ ގުޅިގެން ކުރިއަށްދާ ފުރަބަންދުގެ ހާލަތު ނިމި އާންމު ހާލަތަށް ރުޖޫއަވުމުން ކަމަށެވެ. އަދި މި މޮޑިއުލް ގާއިމުކުރަން ބޭނުންވާ ފަރާތްތަކުން ގެޒެޓުގައި އެކަމަށް ހާއްސަ ކުރެވިފައިވާ އެޕްލިކޭޝަން ފޯމު ފުރުމަށް ފަހު މިމަހުގެ 25 ވަނަ ދުވަހުގެ 14:00 ގެ ކުރިން މިނިސްޓްރީއަށް ހުށަހަޅަން ޖެހޭނެ ކަމަށްވެސް އިއުލާނުގައިވެއެވެ.