ޚަބަރު

މުލީގައި ވެލާބިސްވަޅަކުން ނުކުތް ކުދި ވެލާތަކަށް މަގުއޮޅި ރަށުތެރެއަށް

މ. މުލީގައި ވެލާބިސްވަޅަކުން ނުކުތް ކުދި ވެލާތަކަކަށް މަގުއޮޅި ރަށު ތެރޭގައި ދުވަނިކޮށް، ސަލާމަތްކޮށް މޫދަށް ދޫކޮށްލައިފިއެވެ.

ކުދި ވެލާތައް ރަށު ތެރެއަށް އަރާފައިވާކަން އެނގުނީ ރޭ ދަންވަރު، ރަށުގެ މެދު ތެރެޔަށްވާ ގޮތަށް ހުންނަ ހޮސްޕިޓަލް ކައިރިން ވެލާތައް ފެނުމުންނެވެ.

މުލީ ކައުންސިލްގެ ނައިބް ރައީސް މުހައްމަދު ލަތީފް "ވަން" އަށް ވިދާޅުވީ، އެރަށަކީ އާންމުކޮށް ވެލާ ކަހަނބު ބިސް އަޅަން އަރާ ރަށެއް ކަމަށާއި އެގޮތުން މިއަހަރު ވެސް ދެ ފަހަރެއްގެ މަތިން ވެލާ އަރާފައިވާ ކަމަށެވެ. ނަމަވެސް ވެލާބިސްވަޅަކުން ނުކުމެގެން ކުދި ވެލާތައް އެއްގަމަށް އެރިކަން މީގެ ކުރިން އެނގެން ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

ލަތީފު ވިދާޅުވި ގޮތުގައި، އެރަށުގައި އާންމުކޮށް ވެލާ އަރަނީ ރަށު ބޯޅަދަނޑު އޮންނަ އުތުރު ފަރާތަށެވެ. ނަމަވެސް މިފަހަރު ވެލާ އަރާފައިވާކަން ފާހަގަކުރެވިފައިވަނީ ރަށުގެ އިރުމަތީ ފަރާތުން ކަމަށެވެ. ކުރިން ބީޗެއް އޮތް މުލީގެ އިރުމަތީ ފަރާތަކީ މިހާރު ވަރަށް ބޮޑަށް ހިއްކާފައި އޮންނަ ސަރަހައްދެކެވެ.

ރަށުތެރެޔަށް ރޭ އެރި ކުދި ވެލާތައް ސަލާމަތް ކޮށްފައިވަނީ ފުލުހުންނާއި ހޮސްޕިޓަލުގެ މުވައްޒަފުންނެވެ. އެގޮތުން މިއަދު ހެނދުނު އެ ވެލާތައް ވަނީ މޫދަށް ދޫކޮށްލައިފައެވެ.

އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޮތޯރިޓީ (އީޕީއޭ) އިން ބުނި ގޮތުގައި، ކުދި ވެލާތަކަށް މަގުއޮޅި ރަށު ތެރޭގައި އުޅެނިކޮށް ފެނިފައިވަނީ މުލީގައި ބީޗެއް އޮންނަ ސަރަހައްދާ ގާތްގަނޑަކަށް 500 ފޫޓު ދުރުން ކަމަށެވެ. ބިސް އަޅަން އަރާ ވެލާތަކަށާއި ބިސްވަޅުން ނުކުންނަ ވެލާތަކަށް އާޓިފިޝަލް އައްޔެއްގެ ސަބަބުން މަގު އޮޅޭގޮތް ވާ ކަމަށް އެ އޮތޯރިޓީން ބުނެއެވެ.