ޚަބަރު

ސެންޓްރަލް ޕާކުގެ ފައުންޓެން ޕާކު އަންނަ މަހު ނިމޭނެ: އެޗްޑީސީ

1

ހުޅުމާލޭ ސެންޓްރަލް ޕާކްގައި ތަރައްގީކުރާ ފައުންޓެން ޕާކުގެ މަސައްކަތް އަންނަ ޖުލައި މަހު ނިމޭނެ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސުހައިލް ވިދާޅުވެއްޖެއެވެ.

ހުޅުމާލެ ސެންޓްރަލް ޕާކް ތަރައްގީ ކުރަނީ ހަތަރު ބަޔަކަށް ބަހާލައިގެންނެވެ. އޭގެ ތެރެއިން ލެޝާ ޒޯން އާއި އައުޓް ޑޯ ޖިމަކާއެކު އެޑްވެންޗާ ޒޯން ވަނީ 2016 ވަނަ އަހަރު ހުޅުވައިފައެވެ.

ފައުންޓެއިން ޕާކު ހަދާ ސަރަހައްދު ތަރައްގީކުރަނީ މިސްކިތަކާއެކު ރާއްޖޭގައި ހަދާ އެންމެ ބޮޑު ވޯޓާ ފައުންޓަންއާއެކުގައެވެ. އެމަސައްކަތް ހަވާލުކޮށްފައިވަނީ ތުރުކީގެ ޓާމަކްސް ނަމަކަށް ކިޔާ ކުންފުންޏަކާއެވެ. އެކުންފުންޏަކީ ކިންގް ސަލްމާން މިސްކިތާއި ޓްރީޓޮޕް ހޮސްޕިޓަލުގެ ކޮންސްޓްރަކްޝަން މަސައްކަތް ވެސް ކުރި ކުންފުންޏެވެ.

އެޗްޑީސީން މީގެ ކުރިން ބުނެފައިވަނީ، ފައުންޓެއިން ޕާކު 2018 ވަނަ އަހަރުގެ މިނިވަން ދުވަހަށް ހުޅުވޭނެ ކަމަށެވެ.

ނަމަވެސް އެޗްޑީސީގެ މިހާރުގެ އެމްޑީ ސުހައިލް އަހުމަދު "ވަން" އަށް ވިދާޅުވީ، ދެ މިލިއަން ޑޮލަރަށް ހަވާލުކުރި އެ މަސައްކަތަކީ އެކުންފުނީގެ ކެޕޭސިޓީ ނެތި ހަވާލުކޮށްފައިވާ މަސައްކަތެކެވެ. އެހެންކަމުން އެ މަސައްކަތް ލަސްވަނީ ވެސް ޕާކު ހަދަން ހަވާލުކުރި ކުންފުންޏަށް އެޗްޑީސީން ދައްކަން ޖެހޭ ފައިސާތަކެއް ލަސްވެގެން ކަމަށް އޭނާ ވިދާޅުވިއެވެ.

ސުހެއިލް ވިދާޅުވި ގޮތުގައި، ފައުންޓެއިން ޕާކުގެ 90 ޕަސެންޓް މަސައްކަތް މިހާރު ވެސް ވަނީ ނިމިފައެވެ. އަދި ކޮންޓެރެކްޓަރާ އެޗްޑީސީއާ ދެމެދު މިހާރު އެއްބަސްވުމަކަށް އާދެވި، ކުރިއަށް އޮތް ޖުލައި ނުވަތަ އޮގަސްޓް މަހުގެ ތެރޭގައި އެތަން ނިމޭނެ ކަމަށް ވިދާޅުވިއެވެ. ނަމަވެސް އެތަން އާންމުންނަށް ހުޅުވޭނެ ދުވަހެއް ސުހެއިލް ވިދާޅެއްނު ވެއެވެ.

ހުޅުމާލެ ވޯޓާ ފައުންޓެއިން ނިމޭއިރު ހުންނާނެ ގޮތް ފެންނަ ވީޑިއޯއެއް --- ވީޑިއޯ: ޓާމަކްސް
ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟