ބޮލީވުޑްގެ އެކްޓަރު ސުޝާންތު ރާޖްޕޫރު ދަންޖެހިގެން މަރުވެއްޖެ އެވެ.
އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެކްޓަރު ސުޝާންތު ސިންގް ރާޖުޕުތު ދަންޖެހިގެން މަރުވެފައި ހުއްޓާ ފެނުނީ މުމްބާއީގައި އޭނާ ދިރިއުޅޭ އެޕާޓްމަންޓްގެ ތެރޭގައި މިއަދުއެވެ.
ސުޝާންތާ ގާތް ބައެއް މީހުންނާ ހަވާލާދީ އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި 34 އަހަރުގެ އެކްޓަރު މަރުވުމުގެ ދުވަސްތަކެއް ކުރިން އޭނާ އުޅުނީ ޑިޕްރެޝަންގައެވެ. ނަމަވެސް ސުޝާންތުގެ މަރުގައި ތަހުގީގު ކުރަން ޖެހޭ ކަންތައްތަކެއް ހުރި އިރު، އޭނާ މަރުވާން ދިމާވި އަސްލު ސަބަބެއް އަދި ހޯދިފައި ނުވާކަމަށް ހަބަރުތައް ބުނެއެވެ. މީޑިއާ ތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުން އޭނާ އެޕާޓްމަންޓްގައި ދިރިއުޅެމުން ދިޔައީ އެކަންޏެވެ. އަދި މަރުވުމުގެ ދުވަސްކޮޅެއް ކުރިން އޭނާ ބަލިވެ އުޅުނު ކަމަށްވެސް ބައެއް ހަބަރުތައް ބުނެއެވެ.
2013 ވަނަ އަހަރު ފިލްމު "ކައި ޕޯ ޗޭ" އިން ބޮލީވުޑަށް ނުކުތް އެކްޓަރު ސުޝާންތު އޭގެ ކުރިން ވަނީ މަޝްހޫރު ޓީވީ ސިލްސިލާ "ކިސް ދޭޝް މޭ ހޭ މޭރާ ދިލް" އަދި "ޕަވިތުރަ ރިޝްތާ" ގައި ވެސް މަސައްކަތްކޮށްފަ އެވެ. ސުޝާންތުގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު ނެޓްފްލިކްސްއިން ސްޓްރީމްކުރި "ޑްރައިވް" އެވެ. ދެން އޭނާ ކުޅެން ހަމަޖެހިފައި އޮތް ފިލްމަކީ 2014 ގައި ރިލީޒްކުރި ހޮލީވުޑްގެ ފިލްމު "ފޯލްޓް އިން އަވާ ސްޓާޒް" ގެ ހިންދީ ރިމެކް "ދިލް ބޭޗާރާ" އެވެ.