ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާ މީހަކު މަގުމަތިން ދިމާކޮށް ފުރައްސާރަ ކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި މިއަދު ހެނދުނު ޑރ. ވަހީދު ފަތާ ޓްރެކް ސަރަހައްދުގައި އުޅއްވަނިކޮށް އެމަނިކުފާނަށް ހަޑި ހުތުރު ބަހުން އެއްޗެހި ކިޔައި ފުރައްސާރަ ކުރި މައްސަލައެއް މިއަދު 07:07 ގައި ފުލުހުންނަށް ރިޕޯޓުކޮށްފައި ވެއެވެ.
މި މައްސަލައާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ބަލަމުން އަންނަ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ޑރ. ވަހީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމަނިކުފާނާއި އެމަނިކުފާނުގެ އަނބިކަނބަލުންނާ މަގުމަތީން ދިމާކޮށް އަވަގުރާނަ ގޮވާފައިވަނީ އެމްޑީޕީގެ އެކްޓިވިސްޓެއް ކަމަށެވެ. ދަރުބާރުގޭ ބިއްދޮށު އުސްފަސްގަނޑު ސަރަހައްދުން ފެށިގެން ބްރިޖާއި ހަމަޔަށް އަވަގުރާނަ ގޮވަމުން އެމީހާ ދިޔަ ކަމަށްވެސް ޑރ. ވަހީދު މިއަދު "ވަން" އަށް މައުލޫމާތު ދެއްވިއެވެ.