ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، ބްރޯޑްކާސްޓިންގް ކޮމިޝަން، ބްރޯޑްކޮމްގެ މެންބަރު ކަމަށް ވީޓީވީގެ ސީނިއާ އެޑިޓަރު އާމިނަތު އަމީނާ އައްޔަން ކުރައްވައިފިއެވެ.
އަމީނާ މަގާމަށް އައްޔަންކުރައްވައި ފަތްކޮޅު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ.
ބްރޯޑްކޮމްގެ ހުސްވެފައިވާ މަގާމަށް އަމީނާ އައްޔަން ކުރުމަށް ރައްޔިތުން މަޖިލީހުން ފާސްކޮށްފައިވަނީ މި މަހުގެ 9 ވަނަ ދުވަހު އެވެ. އޭނާ އެ މަގާމަށް ހަމަޖައްސަން މަޖިލީހުން ފާސްކުރީ އެދުވަހު މަޖިލީހުގައި ތިއްބެވި 64 މެންބަރުންގެ ތެރެއިން ވޯޓު ދެއްވި 63 މެންބަރުންގެ އިއްތިފާގުންނެވެ.
އަމީނާ ވަނީ އިސްލާމިކް ޔުނިވާސިޓީން ޖާނަލިޒަމް އެންޑް މީޑިއާ ކޮމިއުނިކޭޝަން ދާއިރާގެ މާސްޓާސް ޑިގްރީ ހާސިލް ކުރައްވައިފައެވެ. އަދި ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީން އަމީނާ ވަނީ ޖާނަލިޒަމް ދާއިރާގެ ފުރަތަމަ ޑިގްރީއެއް ހާސިލްކޮށްފައެވެ.
މީގެ އިތުރުން އަމީނާ ވަނީ މޯލްޑިވްސް މީޑިއާ ކައުންސިލުން ދެމުން އަންނަ ނޫސްވެރިކަމުގެ ދާއިރާގެ އެވޯޑް ދެފަހަރެއްގެ މަތިން ހާސިލުކޮށްފައެވެ. އަމީނާ މިހާރު ހުރީ ވީ މީޑިއާގެ ސީނިއަރު އެޑިޓަރުގެ މަގާމުގަ އެވެ.
ހަތް މެންބަރުންގެ މައްޗަށް އެކުލަވާލާފައިވާ ބްރޯޑްކޮމްގެ މެންބަރުންގެ ގޮތުގައި މިހާރު ތިއްބެވީ، އެ ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާ އާއި ނާއިބު ރައީސް އަހުމަދު ގައިސް އާއި މެންބަރުން ކަމުގައިވާ ޒީނާ ޒާހިރު އާއި އާމިނަތު ސަރާގަތު އިއްޒަތުގެ އިތުރުން އަމްޖަދު ވަހީދު އާއި އަލީ ޔޫސުފް އެވެ.