ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ހާލުކޮޅު ބައްލަވައިފިއެވެ.
ރައީސް ސޯލިހު، ޑރ. ވަހީދުގެ ހާލު ބެއްލެވީ އެމްޑީޕީގެ އެކްޓިވިސްޓަކު، ރައީސް ވަހީދާއި އެމަނިކުފާނުގެ އަނބިކަނބަލުންނާ މަގުމަތިން ދިމާކޮށް އަވަގުރާނަ ގޮވި މައްސަލައެއް މިއަދު ހެނދުނު ފެންމަތިވެފައިވާތީ އެވެ. ރައީސް ސޯލިހު ގުޅުއްވައި، ހާލު ބެއްލެވިކަމަަށްޓަކައި ރައީސް ވަހީދު ވަނީ ރައީސް ސޯލިހަށް ޝުކުރު އަދާކުރައްވައިފައެވެ.
ޑރ. ވަހީދު "ވަން" އަށް ވިދާޅުވި ގޮތުގައި، އެ ހާދިސާ ހިނގީ ކަސްރަތުކުރައްވަން ނުކުމެވަޑައިގެން އުޅުއްވަނިކޮށް މިއަދު ހެނދުނު 6:30 ހާއިރު ދަރުބާރުގޭ ބިއްދޮށުން އުސްފަސްގަނޑު ސަރަހައްދުގައި ކަމަށެވެ. އެހެން ނަމަވެސް އަވަގުރާނަ ގޮވި މީހާ އެމަނިކުފާނާއި އަނބިކަނބަލުން ފަހަތުން ބުރިޖާއި ހިސާބަށް ވެސް ދިޔަކަމަށް ވިދާޅުވިއެވެ.
މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.