އިބްރާހިމް ޒަކީ
އަންހެނުންނާމެދު ކުރާ ތަފާތު ކުރުންތައް ނައްތާލައި، ގާނޫނުގެ ކުރިމަތީގައި ހަމަހަމަ ކަން ކަށަަވަރުކޮށްދިނުމަށް، ހުރި ދަތިިތަކާއި ގޮންޖެހުންތައް ބެލުމަށް ޕާލަމެންޓްރީ އިންކުއަރީއެއް ހަދަން ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބުދު ﷲ މާދަމާ މަޖިލީހަށް ގަރާރެއް ހުށަހަޅުއްވަން ނިންމައިފިއެވެ.
ރައްޔިތުންގެ މަޖިލީހުުގެ މާދަމާގެ ޖަލްސާގެ އެޖެންޑާގައި ފުރަތަމަ ކަމަކަށް އޮތީ އެ ގަރާރު މަޖިލީހަށް ހުށަހެޅުއްވުމެވެ.
މިއީ ރާއްޖޭގައި، އެކި ދާއިރާ ތަކުގައި އަންހެނުންނާ މެދު ކުރާ ތަފަތު ކުރުންތަކަށް ނިމުމެއް ގެނައުމަށްޓަކައި ނުވަތަ ކުޑަ ކުރުމަށްޓަކައި ކުރާ މަސައްކަތުގައި، ރާއްޖޭގައި އަމަލު ކުރަމުން އަންނަ ގާނޫނުތަކާއި ގަވާއިދު ތަކާއި ސިޔާސަތު ތަކުގައި އަންހެނުންނާމެދު ގެންގުޅޭ ތފާތުކުރުން ތަކަކީ ކޮބައިކަމާއި، އަންހެނުންނަށް ހުރި ހުރަސްތަކާއި ތަފާތުކުރުންތައް ނައްތާލުމުގައި ހުރި ދަތިތަކާއި އުނދަގޫތަކަކީ ކޮބައިކަން ދެނެގަތުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ޕާލަމެންޓް އިންކުއަރީއެއް ހެދުމަށް ގޮވާލާއި ހުށަހަޅާ ގަރާރެކެވެ.
އެ ގަރާރުގައި ބުނެފައިވަނީ، ގާނޫނުއަސާސީގައި ބަޔާން ކުރާ އަސާސީ ހައްގުތަކާއި މިނިވަންކަން، ތަފާތު ކުރުމެއްނެތި ކޮންމެ މީހަކަށްމެ ލިބިގެންވާ ކަމާއި، އެ ހައްގުތަކާއި މިނިވަންކަން ލިބުމުގައި ޖިންސަށް ބަލައި ތަފާތުކޮށްގެން ނުވާނެ ކަމަށް ހަމަ އެ ގާނޫނުއަސާސީގައި ބަޔާންކުރާ ކަމަށެވެ.
އަންހެނުންނަކީ، ރާއްޖޭގެ އާބާދީގެ 49 އިންސައްތަ ކަމަށްވާއިރު، އަންހެނުންނާމެދު ކުރާ ތަފާތު ކުރުންތަކަށް ނިމުމެއް ގެނެސް، އަންހެނުންގެ ފުރިހަމަ ބައިވެރިވުމާއި، އަންހެނުންގެ ފުރިހަމަ ހިއްސާ ގައުމީ ތަރައްގީގައި އޮތުމަކީ، ގައުމީ ތަރައްގީގެ ދުވެލި ހަލުވިވެގެންދާނެ ކަމެއް ކަަމަށްވެސް ބުނެފައި ވެއެވެ. އަދި ކަންކަން ނިންމާ ފެންވަރުގައި އަންހެނުންގެ ބައިވެރިވުން އިތުރު ކުރުމަކީ، އަންހެނުންނަށް ކުރިމަތިވާ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް އެޅޭ މުހިއްމު ފިޔަވަޅެއް ކަމަށްވެސް ބުނެފައި ވެއެވެ.
އެހެންކަމުން މި ގަރާރަކީ، ގާނޫނުގެ ކުރިމަތީގައި އަންހެނުންނަށް ހަމަހަމަ ކަން ކަށަަވަރުކޮށްދިނުމަށް، އަދި މިފަދަ ކަންކަމާގުޅޭގޮތުން އަމަލުކުރާ ގާނޫނު ތަކާއި ގަވާއިދު ތަކާއި ސިޔާސަތުތަކާއި ނިޒާމުތަކުގައި ހުރި ދަތިިތަކާއި ގޮންޖެހުންތަކަކީ، ކޮބައިކަން ދެނެގަތުމަަށް، ރައްޔިތުންގެ މަޖިލީހުގެ ކަމާގުޅޭ ކޮމިޓީން ޕާލަމެންޓްރީ އިންކުއަރީއެއް ހަދައި، އެކަމަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި އިސްލާހު ކުރަންޖެހޭ ކަންކަން ބަޔާންކޮށް އެ ކޮމިޓީގެ ރެކޮމެންޑޭޝަންތައް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ގޮވާލައި ހުށަހަޅާ ގަރާރެއް ކަމަށްވެސް އެ ގަރާރުގައި ބުނެފައި ވެއެވެ.