ޚަބަރު

މިނިސްޓާ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ މަގާމަށް އަސްލަމް އައްޔަންކުރައްވައިފި

މަރިޔަމް ޝަހުދާ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، މިނިސްޓާ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ މަގާމަށް މުހައްމަދު އަސްލަމް އައްޔަންކުރައްވައިފި އެވެ.

މިނިސްޓަރު އަސްލަމަށް މަގާމުގެ ފަތްކޮޅު ދެއްވުމާއި ހުވާ ކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މަގާމުގެ ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

މިނިސްޓްރީ އޮފް ޕްލޭނިންގް އެންޑް އިންފްރާސްޓަކްޗާގެ މިނިސްޓަރުގެ މަގާމުގައި ހުންނެވި އަސްލަމް އަލުން ހުވާ ކުރެއްވީ އެ މިނިސްޓްރީގެ ނަން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އަށް ބަދަލު ކުރުމާއި ގުޅިގެންނެވެ. މި ބަދަލަކީ މިދިޔަ ހަފްތާގައި ހައުސިންގް މިނިސްޓްރީ އުވާލުމަށްފަހު ގެނައި ބަދަލެކެވެ.

މި ބަދަލާއެކު ކުރިން މިނިސްޓްރީ އޮފް ހައުސިންގް އެންޑް އާބަން ޑިވަލޮޕްމަންޓުން ކުރި މަސައްކަތްތައް ދެން ކުރާނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ދަށުން ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ. އަދި ކުރީގެ ހައުސިންގް މިނިސްޓްރީގައި ތިބި މުވައްޒަފުން އާ މިނިސްޓްރީއަށް ބަދަލު ކުރުމަށް ނިންމާފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.