އިބްރާހިމް ޒަކީ
އުމުރުން 11 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރި މައްސަލައިގަ ހައްޔަރުކުރި ހއ. ބާރަށް، ސިލްސިލާގެ، އަނީސް ހިލްމީ (38އ) ގެ ބަންދަށް ކްރިމިނަލް ކޯޓުން ހަތް ދުވަސް ޖަހައިދިން މައްސަލަ އިސްތިއުނާފު ކުރުމަށް، ކުރީގެ ކޮމިޝަނަރު އޮފްް ޕޮލިސް އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު އަބުދު ﷲ ރިޔާޒު އެދިވަޑައިގެންފިއެވެ.
އަނީސްގެ ބަންދަށް ހަތްދުވަސް ކުރިމިނަލް ކޯޓުން ޖަހާފައިވަނީ، އޭނާގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމުގެ އަރިހުން ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު އެދި ވަޑައިގެންފައި ވަނިކޮށެވެ.
އެގޮތަށް ސީޕީ އެދިވަޑައިގަތީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުންނެވެ. މިއީ ފަސް އަހަރު ދުވަހުގެ ތެރޭގައި އެ ގާނޫނުގެ ދަށުން ޝަރީއަތް ނިމެންދެން މީހަކު ބަންދުގައި ބަހައްޓައިދޭން ޕީޖީގެ އަރިހުން ސީޕީ އެދިވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.
އެމައްސަލައާ ގުޅިގެން ރިޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކުޑަކުއްޖަކު ރޭޕްކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އެދި ފުލުހުންނާއި ޕީޖީން ހުށަހެޅުމުން 7 ދުވަހަށް މުއްދަތު ޖަހާފައިވާ މަައްސަލަ އިސްތިއުނާފު ކުރުމަށް އިލްތިމާސް ދަންނަވާ ކަމަށާއި، މިއީ ސީރިއަސް މައްސަލައެއް ކަމަށެވެ.
މާލޭގެ ގެސްޓްހައުސްއަކަށް ގެންގޮސް 11 އަހަރުގެ ކުއްޖާ ރޭޕްކުރި މައްސަލައިގައި އަނީސް ހައްޔަރުކުރީ މިދިޔަ ހުކުރު ދުވަހުގެ ރެއެވެ.