ޚަބަރު

ޖަޕާނަށް ވިއްކަން އުޅުނު 300 މިލިއަން ޑޮލަރުގެ ބޮންޑު ނުވިއްކިގެން އުޅުމަކީ ކަންބޮޑުވާ ކަމެއް: ސައީދު

އަލީ ޔާމިން

ދައުލަތުގެ ދަރަނި ފޫބައްދަން ސަރުކާރުން ޖަޕާނަށް ވިއްކަން އުޅުނު 300 މިލިއަން ޑޮލަރުގެ ބޮންޑު ނުވިއްކިގެން އުޅުމަކީ ކަންބޮޑުވާ ކަމެއް ކަމުގައި ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ދިވެހި ސަރުކާރުން މިއަހަރަށް ފާސްކުރި ބަޖެޓުގައި ހިމެނި 5678 މިލިއަން (5.6 ބިލިއަން) ރުފިޔާގެ ދަރަނި ފޫބައްދަން މިއަހަރުގެ މެދުތެރޭގައި ޖަޕާނަށް 300 މިލިއަން ޑޮލަރުގެ ބޮންޑެއް ވިއްކާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ މީގެ ކުރިން ބުނެފައެވެ. ނަމަވެސް އެ ބޮންޑު ވިއްކުމުގެ މަސައްކަތް ހުއްޓިފައިވާ ކަމަށް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި އިދިކޮޅު ޕީއެންސީގެ ނައިބު ރައީސްކަންވެސް ކުރައްވާ ސައީދު ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޖަޕާނު ސަރުކާރުން ލިބޭނެ ކަމަށް ބުނި ސަމުރާއީ ބޮންޑު ނުލިބޭނެ ކަމުގެ އަޑުތައް ފެތުރެމުންދާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށާއި ދައުލަތުގެ އާމްދަނީ ދަށަށް ގޮސް މާލީ ނިޒާމް ވަނީ ވަރަށް ބޮޑަށް ބަލިކަށިވެފައި ކަމަށެވެ.

މީގެ އިތުރުން ފައިސާ ޗާޕުކޮށްގެން ބާޒާރަށް ނެރެން ފަށާފައިވާއިރު ސަރުކާރުން އެކަށީގެންވާ މަސައްކަތެއް މިފަދަ ކަންކަމުގައި ނުކުރެވުމަކީ ނުރައްކަލެއްކަމަށްވެސް ސައީދު ވިދާޅުވިއެވެ.

ޖަޕާނަށް ބޮންޑު ނުވިއްކިއްޖެނަމަ ބަޖެޓު ދަރަނި ފޫބެއްދުމުގައި އިތުރު ގޮންޖެހުންތަކެއް ކުރިމަތިވާނެއެވެ. ސަރުކާރުން މީގެ ކުރިން ހާމަކޮށްފައިވާ ގޮތުގައި ކޮވިޑު 19އާ ގުޅިގެން ބަޖެޓު ދަރަނި 12 ބިލިއަނަށް އަރާނެއެވެ.