އެއްވެސް ކަމެއްގައި އެއްވެސް ވަރަކަށް ސުވާލު އުފެދިފައިވާ ނިޒާމަކުން އެއްވެސް އެއްޗެއް ބޭނުން ނޫން ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދަށް ލ. ގަމުން ލިބުނު ގޯތި ދޫކޮށްލަން ހުށަހަޅުއްވައިފިއެވެ.
ޖީހާން ގޯތި ދޫކޮށްލުމާ ބެހޭގޮތުން ގަމު ކައުންސިލަށް ހުށަހަޅުއްވާފައި މިވަނީ، އެކަމާ ގުޅިގެން ގިނަ ފަރާތްތަކަކުން ސޯޝަލް މީޑިއާގައި ފާޑުކިޔަމުން ދަނިކޮށެވެ.
"ވަން"އަށް މައުލޫމާތުދެއްވަމުން ޖީހާން ވިދާޅުވީ، ފިރިކަލުންނަކީ ގަމު ރައްވެއްސެއް ކަމަށާއި އެ ދެމަފިރިންނަށް 13 އަހަރުގެ ދަރިފުޅާއި ހަތް އަހަރުގެ ކުއްޖަކު ލިބިފައިވާއިރު އެ ދެ ކުދިން އުފަންވީއްސުރެ ތިބެނީ އެ ރަށުގެ ރަޖިސްޓްރީގައި ކަމަަށެވެ.
އެހެން އެކަން އޮއްވައި، ގަމުން ގޯއްޗެއް ހޯދުމަށް ކުރިމަތިލެއްވީ ރަށުން ބޭރު މީހުންނަށްވެސް ގޯއްޗަށް ކުރިމަތިލެވޭނެ ކެޓަގަރީއަކާއެކު ގަމު ކައުންސިލުން ގޯއްޗަށް ފުރުސަަތު ހުޅުވާލުމުން ކަމަށްވެސް ޖީހާން ވިދާޅުވިއެވެ.
ޖީހާން ވިދާޅުވީ، ޕޮއިންޓް ދޭ ނުކުތާތަކަށް ބަލާއިރު ގޯއްޗަށް ފޯމު ހުށަހެޅުއްވިއިރުވެސް، ފުލް ޕޮއިންޓް ލިބޭނެކަން އެނގިވަޑައިގަންނަވާ ކަމަށެވެ.
އެގޮތުން ތައުލީމުގެ ބައިންނާއި، ވަޒީފާގެ ބައިންނާއި، މުސާރައިގެ ބައިންނާއި، އެށަރު ރައްވެއްސަކާ ކައިވެނިކޮށްގެން އުޅޭތީ އެބައިންނާއި، އެ ރަށުގައި ދަރިން ރަޖިސްޓްރީ ކޮށްފައިވާތީ އެ ބައިންނާއި، ރާއްޖޭގެ އެއްވެސް ތަނެއްގައި ގޯއްޗެއް ނެތް ބައިން ފުލް ޕޮއިންޓް ލިބިފައިވާ ކަމަށް ޖީހާން ވިދާޅުވިއެވެ.
ޖީހާން ވިދާޅުވީ ޝަރުތު ފުރިހަމަވާތީ އެކަން އޮތީ އެއްވެސް ގޮތަކުން ޕޮއިންޓެއް ހޯދަން މަސައްކަތްކުރަން ޖެހޭ ގޮތަކަށް ނޫން ކަމަށެވެ. އަދި އެރަށުން ގޯތި ނެގީ މާލޭގައި ވެސް އަދި އަލިއްލަ ރަށް ކަމުގައިވާ ޅ. ހިންނަވަރުގައި ވެސް ގޯއްޗެއް ނެތުމާއެކު، ގަމަށް ދިރިއުޅުން ބަދަލުކުރުމުގެ ވިސްނުމުގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އެއީ އެ ކުދިންގެ ބިން، އެކުދިންގެ ރަށްވީމަ ވިސްނުން ހުންނަނީ ވެސް މުޅި އުމުރު ދުވަހު ކުއްޔަށް މާލޭގައި އުޅޭކަށް ނޫން. މޫވްކުރަން ވަރަށް ބޮޑަށް ވިސްނައިގެން ކުދިންގެ ދިރިއުޅުމަށް އެކަންކުރީ،" ޖީހާން ވިދާޅުވިއެވެ.
ޖީހާން އިތުރަށް ވިދާޅުވީ، އެކަމުގައި މީހުން ކަންބޮޑުވެގެން އުޅޭކަން އެނގުނީވެސް މީޑިއާއިން ކަމަށެވެ. އަދި ދުވަހަކުވެސް ނުހައްގުން ސެންޓެއްގެ މިންވަރުވެސް ހޯދާފައި ނުވާނެ ކަމަށާއި އެހެންކަމުން މިހާރު އެއީ މީހުން ސުވާލު އުފައްދާފައިވާ ކަމަކަށްވާތީ، އެވާހަކަ ކައުންސިލަށް ރޭ ލިޔެފައިވާނެ ކަމަށް ވިދާޅުވިއެވެ.
ކައުންސިލުގައި އެދިފައިވާނީ މައްސަަލަ ހިނގައިގެން އުޅޭގޮތެއް ބެލުމަށާއި، އެއްވެސް ފަޜާތެއްގެ އިހުމާލުން ހިނގަން ޖެހޭގޮތަށް ނޫން ގޮތަކަށް ކަމެއް ހިނގާފައިވާނަމަ އެކަމުގައި ހިއްސާވާން ބޭނުން ނުވާ ކަމަށް ކައުންސިލަށް ލިޔެފައިވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ޖީހާން ވިދާޅުވީ ގަމުން ލިބުނީ 2000 އަކަފޫޓުގެ ބިމެއް ކަމަށެވެ.