ޚަބަރު

މާވައިދުއަށް ކާށި ހޮވަން ދިޔަ ބަޔަކު މޫސުން ގޯސްވެ ހާލުގައި ޖެހިއްޖެ

ކާށި ހޮވަން ހދ. މާވައިދުއަށް ދިޔަ ބަޔަކު މޫސުން ގޯސްވެ ހާލުގައި ޖެހިއްޖެއެވެ.

އެމްއެންޑީއެފުން ބުނީ، ހދ. ކުމުންދޫން މާވައިދުއަށް ކާށި ހޮވަން ދިޔަ ބަޔަކު ހާލުގައި ޖެހިގެން މިއަދު ހަވީރު 5:35 ހާއިރު ރިޕޯޓްކުރި ކަމަށެވެ.

ހާލުގައި ޖެހިފައިވަނީ ހަތް ފިރިހެންނުންނާއި ތިން އަންހެނުން ކަމަށާއި އެމީހުން އެނބުރި ކުމުންދުއަށް ނުދެވިފައި ތިބީ މޫސުން ގޯސްވެ ކަނޑުގަދަވުމާ ގުޅިގެން ދަތުރު ނުކުރެވިގެން ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދޭން ވަނީ ފަށައިފައެވެ. ނަމަވެސް އެ ސަރަހައްދުގެ ކަނޑުގަދަކަމުން އެ ރަށަށް އަދި ނުދެވޭ ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

އެމްއެންޑީއެފުން ވަނީ، މިދުވަސްވަރު މޫސުން ގޯސްވުމާ ގުޅިގެން ކަނޑުމަތީގައި ތަފާތު ހާދިސާތައް ހިނގަމުންދާކަމުގެ މައުލޫމާތު ލިބެމުންދާތީ، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފައެވެ.