ގުޅިފަޅަށް މާލޭ ވިޔަފާރި ބަނދަރު ބަދަލުކުރުމުގެ މަސައްކަތަށް، އެރަށުގެ ފަޅުން ހިއްކާ ސަރަހައްދުން 4500 އަށްވުރެ ގިނަ ކޮރަލް ކޮލިނީސް އެހެން ސަރަހައްދަކަށް ބަދަލުކުރެވިފައިވާ ކަމަށް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނެފިއެވެ.
ނެދަލެންޑްސްގެ ބޮސްކާލިސްއާ ހަވާލުކޮށްގެން ގުޅިފަޅުން 192 ހެކްޓަރު ހިއްކުމުގެ މަސައްކަތް ކުރަމުން އަންނައިރު އެކަމުގެ ސަބަބުން އެ ސަރަހައްދުގެ ފަރުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބޭ ކަމަށާއި އެ މަސައްކަތް ހުއްޓާލުމަށް ތިމާވެށީގެ ހިމާޔަތުގައި މަސައްކަތްކުރާ މީހުންނާއި ޖަމާއަތްތަކުން އަންނަނީ ބުނަމުންނެވެ.
ހިއްކާ ސަރަހައްދުން މުރަކަތައް އެހެން ސަރަހައްދަކަށް ބަދަލުކުރުމަކީ ކޮންޓްރެކްޓަރު ކުރަންޖެހޭ ކަމެކެވެ. ބޮސްކާލިސްގެ ފަރާތުން އެ މަސައްކަތުގެ އެންމެފަހުގެ މައުލޫމާތުތައް ހިމަނާފައިވާ ރިޕޯޓުގައި ބުނެފައިވާ ގޮތުން ގުޅިފަޅު ހިއްކާ ސަރަހައްދުގައި ހުރި މުރަކަތައް އެހެން ސަރަހައްދަކަށް ބަދަލުކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ރީފްސްކޭޕާސް ނަމަކަށް ކިޔާ ބަޔަކަށެވެ.
ރީފްސްކޭޕާސް އަކީ ރާއްޖޭގެ ތިމާވެށީގެ ކޮންސަލްޓެންސީ ކުންފުނި ސީމާކް އާއި ފޯ ސީޒަންސް ރިސޯޓް މޯލްޑިވްސް އެޓް ކުޑަ ހުރާއާ ގުޅިގެން އުފެއްދި މެރިން ކޮންސަލްޓެންސީދޭ ފަރާތެކެވެ.
ރިޕޯޓުގައި ބުނެފައިވާ ގޮތުން، ރީފްސްކޭޕާސް އިން ވަނީ ގުޅިފަޅު ހިއްކުމުގެ މަޝްރޫއު ފެށުމުގެ ކުރިން އެ ސަރަހައްދުގައި ހުރި މުރަކަ ފަރުތަކުގެ ސިއްހަތާއި އެހެން ތަނަކަށް ބަދަލުކުރެވޭނެ މުރަކަތަކުގެ އަދަދު ދެނެގަތުމަށް ސާވޭ ކޮށްފައެވެ. އަދި މުރަކަތައް ބަދަލުކުރުމުގެ މަސައްކަތް މިދިޔަ މެއި މަހުގެ 29 ވަނަ ދުވަހު ފަށާފައިވާއިރު މުރަކަތައް ބަދަލުކުރަނީ ކަނޑުއޮތްގިރި ކައިރީގައި ހުންނަ ފުރަނަފުށި ނަމަކަށް ކިޔާ ރިސޯޓެއްގެ ފަރު ތެރޭގައި ކަމަށް ބުނެފައިވެއެވެ.
އެ ސަރަހައްދަކީ މުރަކަ އެއްޗެހި އިންދުމަށް ގާ ކަހަލަ އެއްޗެހި ހުންނަ ސަރަހައްދަކަށް ނުވާތީ، މުރަކަތައް އިންދަނީ 10 ޕިރަމިޑް ފްރޭމްތަކުގައެވެ. އޭގެން ކޮންމެ ޕިރަމިޑެއްގައި 400 މުރަކަ ކޮލިނީސް އިންދޭނެ ކަމަށާއި އެހެންކަމުން "ބްރާންޗިން" ވައްތަރުގެ 4000 ކޮރަލް ކޮލިނީސް އަދި "މެސިވް" ވައްތަރުގެ 1500 ކޮރަލް ކޮލިނީސް އެތަނުގައި އިންދޭނެ ކަމަށް ވެސް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.
ނަމަވެސް ކޮވިޑް 19އާ ގުޅިގެން ހުރި ލޮޖިސްޓިކް ގޮންޖެހުންތަކާ ގުޅިގެން އެ އަދަދު މަދުވެދާނެ ކަމަށް ބުނެފައިވެއެވެ.
ރިޕޯޓުގައި ބުނެފައިވާ ގޮތުން، މެއި 29 އިން ފެށިގެން މިމަހުގެ އަށް ވަނަ ދުވަހުގެ ނިޔަލަށް ގުޅިފަޅު ސަރަހައްދުން "ބްރާންޗިން" ވައްތަރުގެ 4591 މުރަކަ ކޮލިނީސް ވަނީ ބަދަލުކުރެވިފައެވެ. އަދި "މެސިވް" ވައްތަރުގެ މުރަކަތަކުގެ ތެރެއިން 397 މުރަކަ ކޮލިނީސް ފުރަނަފުއްޓަށް ބަދަލުކުރެވިފައިވާ ކަމަށް ބުނެފައިވެއެވެ.
މަޖިލީހުގެ އެންވަޔަރަމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގައި މިމަހުގެ ހަ ވަނަ ދުވަހު ވާހަކަދައްކަވަމުން އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް މުހައްމަދު ނައީމު ވިދާޅުވީ ކިސަޑުގެ އަސަރު ކުރުމުގެ ސަބަބުން ގުޅިފަޅުގެ ފަރުގެ ގިނަ މުރަކަތަކަކަށް އަސަރުކޮށް، މުރަކަތަކެއް މަރުވެފައިވާ ކަމަށެވެ. އެއީ ކުރިއަށް އޮތްތަނުގައި ހިއްކައި ވެލިއަޅާ ފުރާލާ ސަރަހައްދެއްކަން އޭނާ ފާހަގަކޮށްފައިވެއެވެ.
ނަމަވެސް ވިލިމާލޭ ފަރަށް އަދި މާ ބޮޑު ގެއްލުންތަކެއް ކިސަޑުގެ ސަބަބުން ލިބިފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.