ޝަހީދާ އަބްދުﷲ ސައީދު
ރާއްޖޭގައި ދިރިއުޅޭ އެހެން ގައުމުތަކުގެ މީހުންނަށް ދިމާވާ ހިތާމަވެރި ކަންކަމުގައި ވެސް ހުރިހާ ދިވެހިންގެ އެހީތެރިކަން އެބަޔަކަށް ދޭންޖެހޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މާލެ ހިމެނޭ ސަރަހައްދުތަކުގައި ހުރި ކޮންސްޓްރަކްޝަން މަސައްކަތް ކުރަމުންދާ ސައިޓުތައް ބަލާ ފާސްކުރުމަށް ސަރުކާރުން މިއަދު ފެށި ޕްރޮގްރާމް އިފުތިތާހު ކުރުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ނާއިބު ރައީސް ވިދާޅުވީ މާލޭގައި މަގުމަތީގައި ހިނގާފައި ދިޔަ ބަންގްލަދޭޝްގެ ކުއްޖެއްގެ ބޮލަށް، ހަދަމުންދިޔަ އިމާރާތެއްގެ މަތިން ސިމެންތި ބަސްތާއެއް ވެއްްޓި ކުއްޖާ ނިޔާވި ހާދިސާގައި ދިވެހި ސަރުކާރާއި އައިޖީއެމްއެޗްއާއި އަދި އާންމުންގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަން ދިންކަން ފާހަގަކުރައްވައިފައެވެ.
ނާއިބު ރައީސް ވިދާޅުވީ ރާއްޖޭގައި ދިރިއުޅޭ ކޮންމެ ގައުމެއްގެ މީހަކު ކަމުގައި ވިޔަސް އެމީހަކާ މެދު ދެކެންވާނީ ދިވެހި ރައްޔިތަކާ މެދު ދެކޭ އުސޫލުން ކަމަށާއި، އަޅާލުމާއި އެހީތެރިކަން އެމީހަކަށް ދޭންވާނެ ކަމަށެވެ.
އަދި ނިޔާވި ކުއްޖާގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ އިތުރުން ދިވެހި ރައްޔިތުންގެ ނަމުގައި ތައުޒިޔާ ވިދާޅުވެފައި ވެއެވެ.
ސިމެންތި ބަސްތާއެއް ބޮލަށް ވެއްޓިގެން ނިޔާވި ކުއްޖަކީ ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ޑޮކްޓަރެއްގެ ދަރިއެކެވެ. އެކުއްޖާ ނިޔާވީ އައިޖީއެމްއެޗުން ދެ އޮޕަރޭޝަނެއްކޮށް އަދި އައިސީޔޫގައި މެޝިނުގެ އެހީގައި ފަރުވާ ދެމުން ދަނިކޮށެވެ.