އަލީ ޔާމިން
ކޮވިޑް 19އާ ގުޅިގެން ސަރުކާރުގެ އޮފީސްތަކުގެ މަސައްކަތްތައް ގޭގައި ތިބެގެންނާއި އޮންލައިންކޮށް ކުރުމަށް ސަރުކާރުން އަންގާފައިވުމާއެކު، ނެޝަނަލް ސެންޓަ ފޮ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ)ގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ބޭނުންވާ ހިދުމަތްތަކާއި ތަކެތި ގަތުމަށްޓަކައި ބީލަން މަރުހަލާ ކުރިއަށްގެންދާނެ ގޮތުގެ އުސޫލު ކޮމިޔުނިކޭޝަން މިނިސްޓްރީން އާންމުކޮށްފިއެވެ.
އެގޮތުން އެ އުސޫލުގައި ވަނީ 35،000ރ އިން މަތީގެ ތަކެތި ގަތުމުގައި އަމަލު ކުރަން ޖެހޭނެ ގޮތެވެ.
އުސޫލުގައިވާ ގޮތުން، ތަކެތި ގަތުމަށް ބީލަން ހުށަހަޅާނީ އޮންލައިންކޮށެވެ. އެއީ ވީހާވެސް ގިނަ ފަރާތްތަކަށް ބީލަމުގެ ބައްދަލުވުންތަކުގައި ބައިވެރިވެވޭނެ ގޮތް ހަމަޖެއްސުމަށް ކަމަށް ކޮމިޔުނިކޭޝަން މިނިސްޓްރީން ނެރުނު އުސޫލުގައިވެއެވެ.
މީގެ އިތުރުން އެ އުސޫލުގައިވާ ގޮތުން ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީވުމާއި، ބީލަމުގެ ހުރިހާ ބައްދަލުވުމެއްވެސް ކުރިއަށްގެންދަން ޖެހޭނީ އޮންލައިންކޮށެވެ. އަދި އެކަމަށް ބޭނުންވާ ޓެކްނިކަލް އެހީތެރިކަން އެސްސީއައިޓީން ފޯރުކޮށްދޭން ޖެހޭނެ ކަމަށްވެސް އުސޫލުގައިވެއެވެ.
ކޮވިޑް 19އާ ގުޅިގެން ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ފިނޭންސް މިނިސްޓްރީން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅައިފައެވެ. އެގޮތުން ސަރުކާރުގެ އިދާރާތަކުންނާއި، ކުންފުނިތަކުން ކުރާ ހަރަދުތައް 35،000ރ އަށްވުރެ ބޮޑުވާ ނަމަ ފިނޭންސުން ހުއްދަ ނަގަން ޖެހޭ ގޮތަށް ވަނީ ހަމަޖައްސައިފައެވެ.