ކޮވިޑް 19އާ ގުޅިގެން އަޅާފައިވާ ބައެއް ފިޔަވަޅުތަކުގެ ސަބަބުން ގަވައިދުން ލޭ ބޭނުންވާ މީހުންނަށް ލޭގެ ސްޓޮކް ވަރަށް ބޮޑަށް މަދުވެފައިވާތީ، އާންމު ރައްޔިތުން ލޭ ހަދިޔާ ކޮށްދިނުމަށް އަނެއްކާވެސް މޯލްޑިވިއަން ބުލަޑް ސާވިސް(އެމްބީއެސް) އިން އެދިއްޖެއެވެ.
"ވަން" އަށް މައުލޫމާތުދެއްވަމުން އެމްބީއެސްގެ އެސޯސިއޭޓް ސްޕެޝަލިސްޓް އިން ޕީޑިއޭޓްރިކްސް، ޑރ. އަހުމަދު އުމަރު ވިދާޅުވީ ހުރިހާ ގްރޫޕެއް ވެސް ލޭ ވެސް ސްޓޮކްގައި މިހާރު މަދުވެފައިވާ ކަމަށެވެ.
ޑރ. އުމަރު ވިދާޅުވީ ރޯދަމަހު ލޭ ހަދިޔާ ކުރި މީހުން ގިނަވި ކަމަށާއި ނަމަވެސް ރޯދަ ނިމުމަށްފަހު ލޭ ހަދިޔާ ކުރާ މީހުން ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށެވެ. ތެލަސީމިއާ ޕޭޝަންޓުންނަށް ހަފުތާއަކު 160 ޔުނިޓްގެ ލޭ ބޭނުންވާ ކަމަށާއި ނަމަވެސް އެ އަދަދަށް މިހާރު ލޭ ނުހުންނަ ކަމަށް ޑރ. އުމަރު ވިދާޅުވިއެވެ.
ކޮވިޑް 19އާ ގުޅިގެން ބައެއް ފަރާތްތަކުން ލޭ ހަދިޔާ ކުރުމަށް ޖެހިލުންވާކަން ފާހަގަކޮށް އޭނާ ވިދާޅުވީ ލޭ ނެގުމުގެ ކަންކަން ކުރިޔަށްގެންދަނީ އެޗްޕީއޭގެ މިންގަނޑުތަކާ އެއްގޮތަށް ކަމަށެވެ. އެހެންކަމުން ލޭދިނުމަށް ފަސް ނުޖެހުމަށް ޑރ. އުމަރު ވަނީ އިލްތިމާސްކުރައްވައިފައެވެ.
ބްލަޑް ބޭންކުގައި ލޭ ނެތުމުގެ ސަބަބުން ކުއްލިއަކަށް އެކިއެކި ކަންކަމާ ގުޅިގެން ލޭ އަޅަން އަންނަ މީހުންނަށް މިހާރު ޑޯނާއެއް ގެންނަންދެން ލޭ ނޭޅި މަޑުކުރަން ޖެހޭކަން ވެސް ޑރ. އުމަރު ފާހަގަކުރެއްވިއެވެ.
ޑރ. އުމަރު ވިދާޅުވީ ލޭ ދޭން އަންނަ މީހުންގެ ރައްކާތެރިކަމަށްޓަކައި މިހާރު ލޭ ހަދިޔާ ކުރަން އައުމުގެ ކުރިން އެމީހަކު އަންނާނެ ގަޑި އެމްބީއެސްއިން އަންގާ ކަމަށާއި އަދި ލޭ ދިނުމުގެ ކަންކަން ކުރިއަށްދާއިރު އިޖުތިމާއީ ގައިދުރުކަން ބެހެއްޓުމާއި، ލޭ ދިނުމަށްފަހު އެހެން މީހަކު އެނދު ބޭނުން ކުރުމުގެ ކުރިން ޑިސްއިންފެކް ކުރާ ކަމަށެވެ.
އެމްބީއެސް އިން ވަނީ ލޭ ލިބުން ދަތިވެ މިދިޔަ އޭޕްރިލް މަހުވެސް ރައްޔިތުންގެ އެހީތެރިކަމަށް އެދިފައެވެ. ކޮވިޑް 19އާ ގުޅިގެން މާލެ ލޮކްޑައުންކޮށްފައިވީ ނަމަވެސް ލޭ ހަދިޔާ ކުރަން ބޭނުންވާ މީހުންނަށް އެ އިންތިޒާމު އެމްބީއެސް އިން ވަނީ ހަމަޖައްސައިދީފައެވެ. އެގޮތުން އެމްބީއެސްގެ ނަންބަރު 3306089 އަށް ގުޅުމުން ލޭ ހަދިޔާ ކުރަން ދިއުމުގެ އިންތިޒާމު ހަމަޖައްސައިދެއެވެ.