ބެލެނިވެރިޔަކާ ނުލައި ކުޑަކުދިން ގެސްޓް ހައުސްތަކަށް ވެއްދިގެން ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފު މިގޮތަށް ވިދާޅުވީ، ގެސްޓް ހައުސްއެއްގައި އުމުރުން 11 އަހަރުގެ ކުއްޖަކު ރޭޕްކުރި މައްސަލައެއް ފެންމަތިވެފައި ވަނިކޮށެވެ. އެ މައްސަލައިގައި ފުލުހުން ވަނީ 38 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައެވެ.
ޝަރީފު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ގެސްޓް ހައުސްތައް މިހާރަށްވުރެ ބޮޑަށް މޮނީޓާ ކުރެވެން ޖެހޭ ކަމަށެވެ. އަދި ރޭޕްގެ މައްސަލަ ކުރިމަތިވި ގެސްޓް ހައުސް ބަންދު ކުރުމަށް ވެސް އޭނާ ގޮވާލެއްވިއެވެ.
"ބެލެނިވެރިޔަކާ ނުލައި ކުޑަކުދިން ގެސްޓް ހައުސްތަކަށް ވެއްދިގެން ނުވާނެ. ރޭޕްގެ މައްސަލަ ކުރިމަތިވި ގެސްޓް ހައުސް ބަންދުކުރަން ޖެހޭ. އަޅުގަނޑުމެންގެ ޅަ ދަރިން ހިމާޔަތް ކުރަންޖެހޭ،" ޝަރީފުގެ ޓުވީޓުގައި ވިދާޅުވެފައިވެއެވެ.
އުމުރުން 11 އަހަރުގެ ކުއްޖަކު ގެސްޓްހައުސްއެއްގެ ތެރޭގައި ރޭޕްކުރި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި މީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓައިދިނުމުގެ އަމުރެއް ނެރެދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމުގެ އަރިހުން ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ އެދިވަޑައިގެންފައެވެ.
އުމުރުން 11 އަހަރުގެ ކުއްޖަކު ގެސްޓްހައުސްއެއްގެ ތެރޭގައި ރޭޕްކުރި މައްސަލައިގެ އިތުރުން އޮޅުވާލައިގެން އުމުރުން 16 އަހަރު ނުވާ އަންހެން ކުއްޖަކު މާލެ ގެނެސް، އެކުއްޖާ ރޭޕްކުރި މައްސަލައެއް މިދިޔަމަހު ވެސް ވަނީ ފުލުހުންނަށް ހުށަހަޅައިފައެވެ.
ފުލުހުން ބުނެފައިވަނީ، އެކުއްޖަކު މާލެ ގެނެސް އެކުއްޖާ ވީނުވީއެއް ނޭނގި ނުރައްކަލަށް ހުށަހެޅިފައިވާ މައްސަލައެއް ހުށަހެޅުމުން އެކުއްޖާ ހޯދުމަށް ކުރެވުނު މަސައްކަތުން ކުއްޖާ ފެނިފައިވަނީ އިތުރު މީހަކާއެކު މާލޭގެ ގެސްޓްހައުސްއެއްގެ ތެރެއިން ކަމަށެވެ.