އިބްރާހިމް ޒަކީ
"ޕްރިލިމިނަރީ އެސެސްމެންޓް އޮފް ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" ގެ ނަމުގައި އިސްލާމް ދީނަށް ފުރައްސާރަކޮށް ރިޕޯޓެއް ނެރުނު މޯލްޑިވްސް ޑިމޮކްރެޓިކް ނެޓްވޯކު (އެމްޑީއެން)ގެ އިސްފަރާތްތަކަށް އަވަހަށް ފިޔަވަޅު ނާޅައިފި ނަމަ އެ ޖަމިއްޔާ އުވާލަން ހިންގި ފަދަ ގައުމީ ހަރަކާތެއް ފަށަން ޖެހިދާނެ ކަމަށް ޖަމިއްޔަތުއް ސަލަފުން ބުނެފިއެވެ.
ސަލަފް ޖަމްއިއްޔާއިިން މިހެން ބުނެފައިވަނީ، އެމްޑީއެންގެ އިސް ފަރާތްތަކަަށް ފިޔަވަޅު އެޅުން ލަސްވެފައިވާ މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް އެ ޖަމިއްޔާގެ އިލްމުވެރިންގެ މަޖިލީހުން މިއަދު ނެރުނު ނޫސްބަޔާނެއްގައެވެ.
އެ ނޫސްބަޔާނުގައި ބުނެފައިވަނީ، އެމްޑީއެންގެ ރިޕޯޓުގައި އިސްލާމް ދީނާއި އެދީނުގެ މަތިވެރި އުސޫލުތަކަށް ތައުހީނުކޮށް، ފުރައްސާރަކޮށްފައިވާކަން އެ މައްސަލައާ ގުޅިގެން ފުލުހުން އެކުލަވައިލި ރިޕޯޓްގައި ވެސް ބަޔާންކޮށްފައިވާ ކަމަށެވެ.
އެކަމާ ގުޅިގެން ޖަމިއްޔާތަކުގެ ގާނޫނުގެ ދަށުން އެމްޑީއެން އުވާލިކަން ޔޫތު މިނިސްޓްރީން އިއުލާންކުރިތާ ހަމަސް ދުވަސް ފިޔަވަޅު އަޅާފައި ނުވާކަން ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އަދި އެއީ އެކަމުގެ ސަބަބުން ރައްޔިތުންގެ މެދުގައި ސަރުކާރުގެ މަސްއޫލުވެރިންނާ މެދު އިތުބާރު ކެނޑި މާޔޫސްވެގެންދާނެ ކަމެއް ކަމަށްވެސް ބުނެފައިވެއެވެ.
"މިހާ ދިގު މުއްދަތެއް ފާއިތުވެގެން ދިޔައިރު ވެސް އެ ބޮޑު ޖަރީމާ ހިންގި ފަރާތްތަކާ މެދު ކުރެވޭ ކަމަށް ހާމަކޮށްފައިވާ ތަހުގީގާ ބެހޭގޮތުން ކަމާބެހޭ އިދާރާއަކުން އިތުރު އެއްވެސް މައުލޫމާތެއް ރައްޔިތުންނަށް ހާމަކޮށްފައި ނެތުމަކީ، އެކަމާ މެދު ރައްޔިތުންގެ ހިތްތަކުގައި ކަންބޮޑުވުމާއި، ބިރުވެރިކަން އުފެދުމުގެ އިތުރުން އާއްމު ރައްޔިތުންގެ މެދުގައި އެތައް ސުވާލުތަކެއް އުފެދިފައިވާ ކަމެކެވެ. އެހެނީ ދިވެހި ދިދަ ވިހުރުވޭ ދިވެހި ބިމުގައި ބަޔަކަށް ހިންގޭނެ އެންމެ ބޮޑު ޖަރީމާއަކީ ދިވެހި ގައުމިއްޔަތުގެ އަސާސީ ބަހާ ކަމަށްވާ، މާތްވެގެންވާ އިސްލާމް ދީނަށް ފުރައްސާރަ ކުރުން ކަމަށްވާއިރު، މިފަދަ ޖަރީމާއެއް ހިންގި ބަޔަކާ މެދު ގާނުނީ ފިޔަވަޅު ނޭޅި ފާއިތުވަމުންދާ ކޮންމެ ފަޅި ސިކުންތަކީ އެކަމުގެ ސަބަބުން ދިވެހި ރައްޔިތުންގެ މެދުގައި ސަރުކާރުގެ މަސްއޫލުވެރިންނާ މެދު އިތުބާރު ކެނޑި މާޔޫސްވުމަށް އޮތް ކައުންޓްޑައުނެއްް ކަމުގައިވެސް ވާނެމެއެވެ.،" ބަޔާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން އެމްޑީއެންގެ އިސް ފަރާތްތަކާ މެދު އަަވަސް ފިޔަވަޅެއް ނޭޅޭހައި ހިނދަކު މި ގޮވާލުން ހުއްޓާނުލައި ކުރިއަށްދާނެ ކަމަށާއި މިކަމަށްޓަަކައި އެމްޑީއެން އުވާލަން ހިންގި ފަދަ އެއްބައިވަންތަ ގައުމީ އިތުރު ހަރަކާތްތަކެއް ހިންގަންޖެހިއްޖެ ހާލަތަކަށް ހުޝިޔާރުވެ ތައްޔާރަށް ތިބުމަށް ދިވެހި ރައްޔިތުންނަށް އިލްތިމާސްކުރާ ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.
އިސްލާމްދީނަށް ފުރައްސާރަކޮށް އެމްޑީއެން އިން ނެރުނު ރިޕޯޓާ ގުޅިގެން އެ ޖަމިއްޔާ އުވާލުމަށް ގޮވާލައި، ސޯޝަލް މީޑިއާގެ އިތުރުން ރަށްރަށުގައި މުޒާހަރާތައްކޮށް ބޮޑު ކެމްޕެއިނެއްް ކުރިއަށްގެންދިޔައެވެ.