ހޯމް ކަރަންޓީނު ކުރާ މީހަކު ދިރިއުޅޭ ގޭގެ މީހުންނަށް ކޮންމެހެން ބޭރަށް ދާން ޖެހިއްޖެ ހާލަތެއްގައި ބޭރަށް ނިކުމެވޭގޮތަށް އެޗްޕީއޭގެ އުސޫލަށް ބަދަލު ގެނެސްފިއެވެ.
އެޗްޕީއޭއީން މިމަހު ކުރީކޮޅު އާންމު ކުރި ކޮވިޑް 19ގެ ސަބަބުން ރަށަށް ނުދެވި މާލޭގައި ތިބި މީހުންގެ ތެރެއިން ރަށަށްދާ މީހުންނާއި ރާއްޖެއިން ބޭރުން އަންނަ މީހުން ގޭގައި ކަރަންޓީނު ވުމުގެ އުސޫލުގައި ވަނީީ ހޯމް ކަރަންޓީނު ކުރާ މީހުން ދިރިއުޅޭ ގޭގެ މީހުންނަށް ބޭރަށް ނުނިކުމެވޭ ގޮތަކަށެވެ.
އިއްޔެ އެޗްޕީއޭއިން އާންމު ކުރި އިސްލާހު ކޮށްފައިވާ އުސޫލުގައި ކަރަންޓީނު ކޮށްފައިވާ މީހަކު އުޅޭ ގެއެއްގައި ދިރިއުޅޭ އެހެން މީހުނަށް ބޭރަށް ނިކުމެވޭނެއެވެ. ނަމަވެސް އެއީ ކޮންމެހެން ބޭރަށް ނިކުންނަށް ޖެހިއްޖެ ހާލަތެއްގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށްފަހު ކަމަށް ބުނެފައިވެއެވެ. އަދި ކަރަންޓީނު ކޮށްފައިވާ މީހަކު ދިރިއުޅޭ ގޭގެ މީހުން އެހެން ގޭގެއަށް ޒިޔާރަތް ނުކުރުމަށާއި، އެހެން މީހުންނާ އެއްވެ ނޫޅުމަށް މި އުސޫލުގައިވެއެވެ.
މީގެ ކުރިން އެޗްޕީއޭއިން އާންމު ކުރި އުސޫލުގައިވާ ގޮތުން 60 އަހަރުން މަތީގެ މީހުން، މާބަނޑު މީހުން އަދި ހާއްސަ ބަލިތައް ހުންނަ މީހުން ދިރިއުޅޭ ގެއަކު ކަރަންޓީނު ކުރާ މީހާ ނުބެހެއްޓޭނެއެވެ. ނަމަވެސް އިއްޔެ އާންމު ކުރި އިސްލާހު ކޮށްފައިވާ އުސޫލުން މިބައި ވަނީ އުނިކޮށްފައެވެ.
ރާއްޖެއިން މިހާތަނަށް ޖުމުލަ 2003 މީހަކު ކޮވިޑް 19 އަށް ވަނީ ޕޮޒިޓިވްވެފައެވެ. އަދި މި ބަލީގައި އަށް މީހަކު ރާއްޖޭގައި މަރުވެފައިވާއިރު 1193 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.