ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އިންޑިއާގެ ރައީސް އާއި ބޮޑުވަޒީރު އަންނަ އަހަރު ރާއްޖެ ވަޑައިންނަވަނީ

އަހުމަދު ޖައިޝަން

އިންޑިއާގެ ރައީސް ރާމްނާތު ކޯވިންދު އާއި އެގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އަންނަ އަހަރު ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އިންޑިއާ އާއި ރާއްޖެއިން ގުޅިގެން މިއަދު ދެއްވި ޖޮއިންޓް ސްޓޭޓްމެންޓުގައި ރައީސް ސޯލިހު ވިދާޅުވީ އިންޑިއާގެ ރައީސް އާއި ބޮޑުވަޒީރު އަންނަ އަހަރު ރާއްޖެ ވަޑައިގެންނެވުމަށް ދައުވަތު ދެއްވާފައިވާ ކަމަށެވެ. އަދި އެ ދެބޭފުޅުންވެސް ދައުވަތު ގަބޫލުފުޅު ކުރައްވާފައިވާ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ސޯލިހު މިހާރު އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ނިއު ދިއްލީއަށް ވަޑައިގެންފައިވަނީ އިއްޔެ މެންދުރު ފަހުގައެވެ.

ވެރިކަމުގެ ހުވާ ކުރެއްވުމަށްފަހު ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅަށް ރައީސް އިންޑިއާއަށް ވަޑައިގެންފައިވަނީ އިންޑިއާގެ ބޮޑުވަޒީރު މޯދީގެ ދައުވަތަށެވެ.