ޚަބަރު

ލުތުފީ ފިލައިގެންދިޔަ މައްސަލައިގެ އަޑުއެހުމެއް މާދަމާއަށް ތާވަލްކޮށްފި

ނޮވެމްބަރު، 3 1988 ގައި ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގެ މޭސްތިރި ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ 25 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރަމުން ދަނިކޮށް، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމުން ފިލި މައްސަލައިގައި އޭނާގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެއް މާދަމާއަށް ތާވަލް ކޮށްފިއެވެ.

ކްރިމިނަލް ކޯޓުން ބުނީ، އޭނާގެމައްޗަށްކުރާ، މީހުން ބަންދުކުރާ މަރުކަޒަކުން ފިލުމުގެ ކުށުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ 11:00 އަށް ތާވަލު ކޮށްފައިވާ ކަމަށެވެ.

ލުތުފީ އިސްވެހުރެ ލަންކާގެ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ ޕްލޮޓްގެ ހަނގުރާމަވެރިންނާއެކު ނޮވެމްބަރު 3، 1988ގައި މާލެ އަރައި ދިން އުދުވާނީ ހަމަލާގައި 19 ދިވެއްސަކު ޝަހީދުކޮށްލައި އެތައް ބަޔަކު ޒަހަމްކޮށްލާފައިވެއެވެ. އެ އުދުވާނީ ހަމަލާއާ ގުޅިގެން ލުތުފީގެ މައްޗަށް އެންމެ ފުރަތަމަ އިއްވީ މަރުގެ ހުކުމެވެ.

ނަމަވެސް އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ އެ އަދަބު ލުއިކޮށްދެއްވައި އުމުރު ދުވަހުގެ ޖަލު ހުކުމަކަށް ބަދަލުކުރިއެވެ. އެ ހުކުމް ތަންފީޒު ކުރަމުންދަނިކޮށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 16 ޖެނުއަރީ 2010ގައި ލުތުފީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމުން އުޅުނީ ފިލައިގެންނެވެ.

ނުވަ އަހަރު ވަންދެން ފިލައިގެން އުޅުމަށް ފަހު ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އަށް ލުތުފީ ދިޔައީ 2019 ވަނަ އަހަރުގެ މެއި މަހުގެ 1، ގައެވެ. ނަމަވެސް ލުތުފީ ފުލުހުންގެ ބެލުމުގެ ދަށުން އަލުން ރާއްޖެ ގެނެސްފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ނުވައެއްގައެވެ.

އޭނާ މިހާރު ހުރީ މާފުށީ ޖަލުގައެވެ.