ޚަބަރު

އައްޑޫގައި ކޮވިޑަށް ޓެސްޓު ކުރުމަށް ބޭނުންވާ މެޝިން މިއަދު ނޫނީ މާދަމާ ގެންދާނެ: މެންބަރު ނިހާދު

މަރިޔަމް ޝަހުދާ

އައްޑު އަތޮޅުގައި ކޮވިޑް 19 އަށް ޓެސްޓު ކުރަން ފެށުމަށް ބޭނުންވާ މެޝިން މިއަދު ނޫނީ މާދަމާ އައްޑޫއަށް ގެންދާނެ ކަމަށް މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

މެންބަރު ނިހާދު އެހެން ވިދާޅުވީ މާލެއިން އައްޑޫއަށް ދިޔަ މީހުންގެ ތެރެއިން ކަރަންޓީނުގައި ހުރި 65 އަހަރުގެ އަންހެނަކު ޕޮޒިޓިވްވިކަން އިއްޔެ އެނގުމާއެކު އެކަމާގުޅިގެން މިއަދު ކުރެއްވި ޓުވީޓެއްގައެވެ. އެގޮތުން ކޮވިޑަށް ޓެސްޓު ކުރުމަށް ބޭނުންވާނެ މެޝިނުގެ އިތުރުން އެއާއި ގުޅުންހުރި ސާމާނު އައްޑޫއަށް ފޮނުވުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ނިހާދު ޓުވީޓުގައިވެއެވެ.

އެ ތަކެތި މިއަދު ނޫނީ މާދަމާ އައްޑޫއާ ހަމައަށް ދާނެ ކަމަށާއި މިއީ އައްޑޫ އަދި ފުވައްމުލަކު ރައްޔިތުންނަށް ވަރަށް އުފާވެރި ހަބަރަކަށް ވާނެ ކަމަށް ވެސް ނިހާދުގެ ޓުވީޓުގައިވެއެވެ. ހަމައެއާއެކު ވަރަށް އަވަހަށް އައްޑޫގައި ކޮވިޑަށް ޓެސްޓުކުރުން ހަމަޖެހިގެންދާނެ ކަމަށް ނިހާދު ވިދާޅުވިއެވެ.

މިމަހު ހަތެއްގައި ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް ނަޔާޒް އަހުމަދު ވިދާޅުވީ އައްޑޫ ސިޓީ އާއި ކުޅުދުއްފުށި ސިޓީ އަދި ބ. އޭދަފުށީގައި ޕީސީއާރު ޓެސްޓު ހެދުމަށް ތައްޔާރުވާން ފަށާފައިވާކަމަށެވެ.