ޚަބަރު

11 އަހަރުގެ ކުއްޖާ ރޭޕްކުރި މީހުން ހޯދައި ހަރުކަށި އަދަބު ދިނުމަށް އިދިކޮޅުން ގޮވާލައިފި

މާލޭގެ ގެސްޓުހައުސްއެއްގައި 11 އަހަރުގެ ކުއްޖަކު ރޭޕްކުރުމުގެ އަމަލު ހިންގި މީހުން ހޯދައި އެމީހުންނަށް ހަރުކަށި އަދަބު ދިނުމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގުރެސް ކޯލިޝަނުން ގޮވާލައިފިއެވެ.

ފުލުހުން ބުނީ މިމަހުގެ 10 ވަނަ މާލޭގެ ގެސްޓް ހައުުސްއެއްގައި 11 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކޮށްފައިވާ ކަމުގެ ރިޕޯޓެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އެ މައްސަލައިގައި މިރޭ ފުލުހުން ވަނީ 38 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައެވެ.

އެކަމާ ގުޅިގެން އިދިކޮޅުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ ލާއިންސާނީ އަމަލު ހިންގި މީހުންނާއި އެކަމުގައި އިތުރު އެއްވެސް ބަޔަކު އެހީތެރިވެފައިވާނަމަ އެބަޔަކު ހޯދައި ތަހުގީގު އަވަސްކޮށް ގާނޫނުތަކުން ކަނޑައަޅާފައިވާ އެންމެ ހަރުކަށި އަދަބު ދިނުމަށް ގޮވާލާ ކަމަށެވެ.

މިފަހަކަށް އައިސް ރާއްޖޭގައި ކުޑަކުދިންނަށް އަނިޔާކުރުމާއި ޖިންސީ ގޯނާކުރުން އިތުރުވަމުންދާތީ ކަންބޮޑުވުން ފާޅުކޮށް އެބަޔާނުގައި އިތުރަށް ބުނީ، އެފަދަ އަމަލުތައް ހުއްޓުވޭނީ ނުފޫޒުތަކުން އެއްކިބާވެ ތިބެ ދައުލަތުގެ މުއައްސަސާތަކުގެ ދައުރު ފުރިހަމައަށް އަދާކޮށްގެން ކަމަށެވެ.

އެހެންކަމުން އެފަދަ މައްސަލަތަކުގެ ތަހުގީގު ލަސްނުކުރުމަށާއި އެފަދަ މީހުންނަށް ހައްގުވާ އަދަބު ތަންފީޒުކުރުމުގައި ލުއި ނުދިނުމަށް ވެސް އިދިކޮޅުން ވަނީ ގޮވާލައިފައެވެ.

އޭގެ އިތުރުން އެފަދަ ހިތާމަވެރި ހާދިސާތައް ދިމާވާ ކުދިންނަށް ނަފްސާނީ ގޮތުން ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ފަރުވާތެރިކަމާއެކު ލަސްނުކޮށް ފުރިހަމައަށް ފޯރުކޮށްދީ، އެކުދިންނަށް ލިބެންޖެހޭ ހިމާޔަތާއި ރައްކާތެރިކަން ކަށަވަރުކުރެވޭނެ އިންތިޒާމުތައް ވެސް ދައުލަތުގެ ފަރާތުން ހަމަޖެއްސުމަށް އިދިކޮޅުގެ ބަޔާނުގައި ގޮވާލާފައިވެއެވެ.