މާފަންނުގައި އިމާރާތް ކުރަމުން ދިޔަ އިމާރާތަކުން އިއްޔެ ސިމެންތި ބަސްތާއެއް ވެއްޓި ޒަހަމްވުމާ ގުޅިގެން ފަރުވާ ކުރަމުން ދަނިކޮށް މަރުވެފައިވާ ރައުޝަން ޖިއަންގެ އާއިލާއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
ރަސްމީ ދަތުރުފުޅެއްގައި އިންޑިޔާގައި ރައީސް ސޯލިހު ހުންނެވިއިރު ރައުޝަންގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެފައިވަނީ ޓުވީޓާ މެދުވެރިކޮށެވެ.
ރައީސް ސޯލިހް ގެ ޓްވީޓްގައި ވަނީ ދަރިއަކު ގެއްލުމަށްވުރެ ބޮޑު ހިިތާމައެއްނެތް ކަމުގައި ވިދާޅުވެފައެވެ. އަދި މި ހިތާމައިން ފިލާވަޅެއް ދަސްކޮށް، ރަނގަޅު ސަލާމަތީ ފިޔަވަޅުތައް ގާއިމް ކުރަންޖެހޭ ކަމަށް ރައީސް ސޯލިހް ވިދާޅުވެފައި ވެއެވެ.
ރައުޝަން މަރުވެފައިވަނީ ފަޔަށާއި ކޮނޑު ހުޅަށް ބޮޑެތި އަނިޔާތަކެއް ލިބި އިންޓަރނަލް ބްލީޑިންގެ ސަބަބުން އެތައް އޮޕަރޭޝަނެއްކޮށް މެޝިނުގެ އެހީގައި ނޭވާލައްވަމުން ގެންދަނިކޮށެވެ. އޭނާގެ ގަޔަށް ސިމެންތި ބަސްތާ ވެއްޓުނީ ސަންފްރޮންޓް ލައިޓް ހުންނަ މ. ނަލަހިޔާ މަންޒިލްގައި ހަދަމުންދާ އިމާރާތުގެ ފަސް ވަނަ ބުރިންނެވެ.