މިމަހުގެ 15 އިން ފެށިގެން ލޮކްޑައުންއަށް ދޭ ލުއިތަކާއެކު ވިޔަފާރިތަކުން އިތުރު ހުއްދައެއް ނަގަން ނުޖެހޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، ލޮކްޑައުންގެ މުއްދަތު މިމަހުގެ 14ގެ ނިޔަލަށް އިތުރުކުރުމާއެކު، މިހާތަނަށް ވިޔަފާރިކުރުމުގެ ހުއްދަ ނަގާފައި ނުވާ ފަރާތްތަކުން، މޯލްޑިވްސް ޕޮލިސް ސާވިސްގެ ޕާމިޓް ޕޯޓަލް https://www.police.gov.mv/permit/ މެދުވެރިކޮށް ހުއްދަ ނެގުމަށްފަހު ވިޔަފާރިކުރެވޭނެ ކަމަށެވެ.
މި މުއްދަތުގެ ތެރޭގައި ވިޔަފާރިކުރުމަށް ހަމަޖެހިފައިވާ ގަޑިއަކީ، ހެނދުނު 9.00 އިން ރޭގަނޑު 9.00 އަށް ކަމަށާއި ޑެލިވަރީގެ ހިދުމަތް ފޯރުކޮށްދިނުމަށް ކަނޑައަޅާފައިވަނީ ހެނދުނު 9.00 އިން މެންދަމު 12:00 އަށް ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
މީގެ އިތުރުން މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތަށް ރިއާޔަތްކޮށް ލުއި ދިނުމުން، އިތުރު ހުއްދައެއް ނުނަގައި ވިޔަފާރިކުރުމަށް ހުޅުވާލެވޭނެ ކަމަށްވެސް މިނިސްޓްރީގެ އިއުލާނުގައިވެއެވެ. ނަމަވެސް ވިޔަފާރި ކުރާ ހުރިހާ ފަރާތްތަކުންވެސް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅާ އުސޫލުތަކާއި އެއްގޮތަށް އަމަލުކުރަންވާނެ ކަމަށް އިއުލާނުގައިވެއެވެ.