ޚަބަރު

ފުލުސް އޮފީހަށް މުއިއްޒު ހާޒިރުކޮށް މިއަދު ވެސް ނެގީ އިތުރު ބަޔާނެއް

ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް އޭޖީ (ނޫމަޑި) އިން ދިވެހި ސަރުކާރުގެ މައްޗަށް ހުށަހެޅި އާބިޓްރޭޝަން މައްސަލައިގައި ކުރީގެ ހައުސިން މިނިސްޓަރު އަދި ޕީޕީއެމްގެ ނައިބު ރައީސް ޑރ. މުހައްމަދު މުއިއްޒު ފުލުހަށް ހާޒިރުކޮށް އިތުރު ބަޔާނެއް ނަގައިފިއެވެ.

މިރޭ 8:15 އަށް ފުލުހަށް ހާޒިރުވުމަށްފަހު މުއިއްޒު "ވަން" އަށް ވިދާޅުވީ، ނޫމަޑި މައްސަލައިގައި އިތުރު ތުހުމަތެއް އިތުރުކޮށް އިތުރު ބަޔާނެއް ނަގާފައިވާ ކަމަށެވެ. އަދި އެ ބަޔާންދީ ސޮއިކޮށްފައިވާނެ ކަމަށް ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި މި މައްސަލައިގައި އޭނާގެ މައްޗަށް ގިނަ ތުހުމަތުތަކެއް ވަނީ އުފުލައިފައެވެ. އެގޮތުން ދައުލަތުގެ ހިންގުމަށް ހުރަސް އެޅުމާއި ދައުލަތުގެ މަސައްކަތްތައް ހުއްޓުވުމަށް މަސައްކަތްކުރުމާއި ދޮގު ބަޔާން ދިނުން އަދި މަސްއޫލިއްޔަތު އަދާކުރުމުގައި ހުރަސްއެޅުންފަދަ ދައުވާތަކެއް ހިމެނޭ ކަމަށާއި ނަމަވެސް ހުންނެވީ ސާބިތުކަމާއެކުގައި ކަމަށް ވިދާޅުވިއެވެ.

ނޫމަޑިން ދިވެހި ސަރުކާރުގެ މައްޗަށް ހުށަހެޅި އާބިޓްރޭޝަން މައްސަލައިގައި ޑރ. މުއިއްޒު އަމަލުކުރެއްވި ގޮތާ ގުޅިގެން ޖިނާއީ ތަހުގީގެއް ހިންގުމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ފުލުސް އޮފީހުގައި އެދުނީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އެ މައްސަލައިގައި މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ވެސް މުއިއްޒު ވަނީ ފުލުހަށް ހާޒިރުކޮށްފައެވެ.

އޭޖީން ބުނެފައިވާ ގޮތުން، ނޫމަޑިގެ ފަރާތުން ދިވެހި ސަރުކާރާ ދެކޮޅަށް ހެއްކެއްގެ ގޮތުގައި ޑރ. މުއިއްޒު ހުށަހަޅައި ސަރުކާރާ ދެކޮޅަށް އާބިޓްރޭޝަންގައި އޭނާ ބަޔާން ދެއްވާފައިވާއިރު، ވަޒީރުކަމުގައި އޭނާ އެ މައްސަލައިގައި ދައުލަތް ދިފާއު ކުރައްވާފައިވާ ކަމަށެވެ.

އެގޮތުން ނޫމަޑީގެ މައްސަލަ 11 ޑިސެމްބަރު 2017 ގައި އާބިޓްރޭޝަނަށް ހުށަހެޅުމުން ދައުލަތުން އެ މައްސަލަ ކުރިއަށްދާނެ ގޮތާއި ނެގޭނެ ދިފާއުތަކާ ގުޅޭގޮތުން މަޝްވަރާކޮށް، ނިންމުންތައް ނިންމުމުގައި ހައުސިން މިނިސްޓަރުގެ ހައިސިއްޔަތުން މުއިއްޒުގެ ބައިވެރިވުން އޮތްއިރު، ވަޒީރުކަމުގެ މަގާމުން ވަކިވެވަޑައިގަންނަވަންދެން އެ މައްސަލަ ރައްދުވާ މިނިސްޓްރީގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން މުއިއްޒުގެ ދައުރެއް އާބިޓްރޭޝަން މައްސަލަތަކުގައި އޮތް ކަމަށެވެ.

ނަމަވެސް 17 ނޮވެމްބަރު 2018 ގައި މިނިސްޓަރު ކަމުގެ މަގާމުން ވަކިވެވަޑައިގަތުމަށްފަހު 14 ޖޫން 2019 ގައި ނޫމަޑިގެ ފަރާތުން އާބިޓްރޭޝަނަށް ހުށަހަޅާ ހެއްކެއްގެ ގޮތުގައި މުއިއްޒު ދެއްވި ބަޔާނުގައި ކުރިން އަމަލުކުރެއްވި ގޮތާ ދިމާ އިދިކޮޅަށް، ދައުލަތާ ދެކޮޅަށް ވާހަކަ ދައްކާފައިވާކަމަށް އޭޖީން ފާހަގަކުރެއެވެ.

އެގޮތުން ނޫމަޑި ފޭސް 1 އެއްބަސްވުން ބާތިލުކޮށްފައިވަނީ އޭރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބޭނުންވާތީ ކަމަށް ވިދާޅުވެ، އާބިޓްރޭޝަން ބަޔާން ދެއްވުމަށްފަހު އަލުން ބަޔާން ބަދަލު ކޮށްފައިވާކަން ވެސް އޭޖީން ފާހަގަކުރެއެވެ.

އޭގެ އިތުރުން ނޫމަޑީގެ އެއްބަސްވުންތަކާ ގުޅޭ ނިންމުންތައް ސަރުކާރުގެ ފަރާތުން ނިންމުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި ވުޒާރާގެ އޭރުގެ ވަޒީރު ދައުލަތާ ދެކޮޅަށް އާބިޓްރޭޝަނަށް ބަޔާން ދިނުމަކީ އާބިޓްރޭޝަންގައި ހިނގަމުންދިޔަ މައްސަލަތައް ދިފާއު ކުރުމަށް ދައުލަތަށް އިތުރު ގޮންޖެހުންތަކެއް ކުރިމަތިވި ކަމެއް ކަމަށް އޭޖީން ކުރިން ނެރުނު ބަޔާނެއްގައިވެއެވެ.