އަލީ ޔާމިން
ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންނާއި ހިއުމަން ޓްރެފިކިންގެ މައްސަލަތައް ހައްލެއް ހޯދުމަށް ދާއިރާގެ ބޭފުޅުންނާއެކު ހާއްސަ ޕެނަލް ބައްދަލުވުންތަކެއް ޑައިރެކްޓް ޑިމޮކްރެސީ ގްލޯބަލް މޯލްޑިވްސް(ޑީޑީޖީއެމް)އިން ފަށައިފިއެވެ.
ޑީޑީޖީއެމްއަކީ އިޖުތިމާއީ ބޮޑެތި މައްސަލަތަކަށް ހައްލެއް ހޯދައިދިނުމަށް މަސައްކަތް ކުރާ އަމިއްލަ ޖަމިއްޔާއެކެވެ.
އެ ޖަމިއްޔާގެ އެކްޒެކެޓިވް ޑިރެކްޓަރު އަސްރާ އަހުމަދު "ވަން"އަށް މައުލޫމާތު ދެމުން ވިދާޅުވީ، އިޖުތިމާއީ އެކިއެކި މައްސަލަތަކާ ގުޅޭ ޕެނަލް ބައްދަލުވުންތަކެއް އެ ޖަމިއްޔާއިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދަން ފަށާފައިވާ ކަމަށެވެ.
އެގޮތުން މިހާރު ފަށައިފައިވާ ޕެނަލް ބައްދަލުވުމުގައި މަޝްވަރާކޮށްފައިވަނީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންނާއި ހިއުމަން ޓްރެފިކިންގެ މައްސަލަތަކަށް ހައްލެއް ހޯދިދާނެ ގޮތްތަކާ ބެހޭ ގޮތުން ކަމަށް އަސްރާ ވިދާޅުވިއެވެ. އެ މައުލޫގެ ފުރަތަމަ ޕެނަލް ބައްދަލުވުން މިމަހުގެ 7 ވަނަ ދުވަހު ބާއްވައިފައިވާއިރު، މިމަހުގެ 14 ވަނަ ދުވަހު އެ މައުލޫއަށް ވާހަކަ ދެއްކުމަށް އިތުރު ޕެނަލް ބައްދަލުވުމެއް ބާއްވާނެ ކަމަށް އަސްރާ ވިދާޅުވިއެވެ.
ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންނާއި ހިއުމަން ޓްރެފިކިންއާ ބެހޭ ގޮތުން ބޭއްވި ފުރަތަމަ މަޝްވަރާ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަހުމަދު ހައިތަމް އާއި ޔޫއެންޑީޕީގެ ފަރާތުން ރަނިއްޔާ ސޯބިރު އަދި އަލީ ހުސައިން ދީދީ އާއި އާސިމް އަބްދުއް ސައްތާރު ބައިވެރިވެވަޑައިގެންފައިވެއެވެ.
މި މަހުގެ 14 ވަނަ ދުވަހު އޮންނަ އެ މައުލޫގެ ދެވަނަ ބައްދަލުވުމުގައި، މުހައްމަދު އަލީ ޖަނާހާއި، ޑރ. މަރިޔަމް ޝަކީލާ، ކާނަލް ނާޒިމް ފަދަ ފުންނާބު އުސް ބޭބޭފުޅުން ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖައްސާފައެވެ.
އިޖުތިމާއީ މައްސަލަތަކާއި ގުޅޭ ގޮތުން ޕެނަލް ބައްދަލުވުންތަކުގައި ނިންމާ ކަންކަން ރިޕޯޓެއްގެ ސިފައިގައި ވަރަށް އަވަހަށް އާންމު ކުރާނެ ކަމަށް އަސްރާ ވިދާޅުވިއެވެ. އަދި އެ ބައްދަލުވުންތަކުގައި ނިންމާ ކަންކަން ޕޮލިސީ ލެވެލްގައި ކަމާ ބެހޭ ފަރާތްތަކާއެކު މަޝްވަރާ ކުރައްވާނެ ކަމަށްވެސް އަސްރާ ވިދާޅުވިއެވެ.
ޑައިރެކްޓް ޑިމޮކްރެސީ ގްލޯބަލް މޯލްޑިވްސްގެ މައި އޮފީސް ހުންނާނީ ސްވިޒްލޭންޑްގެ ޖެނީވާގައެވެ.