ޚަބަރު

ތައުލީމުގެ ބިލާއި މަތީ ތައުލީމުގެ ބިލަށް އާންމުންގެ ހިޔާލު ހޯދަން ހުޅުވާލައިފި

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ތައުލީމުގެ ބިލާއި މަތީ ތައުލީމުގެ ބިލަށް އާންމުންގެ ހިޔާލު ހޯދަން ހުޅުވާލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު މުހައްމަދު މުމްތާޒު ހުށަހެޅުއްވި ތައުލީމުގެ ބިލާއި ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގު ހުށަހެޅުއްވި މަތީ ތައުލީމުގެ ބިލަށް އާންމުންގެ ހިޔާލު ހޯދަން ހުޅުވާލާފައިވަނީ އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2:00 ގެ ނިޔަލަށެވެ.

އެގޮތުން އެ ދެ ބިލަށް އެއްވެސް ހިޔާލެއް ނުވަތަ ކޮމެންޓެއް އޮތްނަމަ އެކަން ހުށަހަޅަންޖެހޭނީ ކޮމިޓީގެ އީމެއިލް [email protected] އަށް ނުވަތަ ލިޔުމުންނަމަ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށެވެ.

ތައުލީމުގެ ބިިލުގައި ބުނެފައިވާ ގޮތުން، ރަޖިސްޓްރީކުރުމަކާ ނުލައި ރާއްޖޭގައި ހިންގާ އެއްވެސް ސުކޫލެއްގައި ނުވަތަ އެނޫންވެސް ކިޔަވައިދޭ ތަނެއްގައި ޓީޗަރެއްގެ ގޮތުގައި މަސައްކަތްކޮށްގެން ނުވާނެއެވެ. އަދި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް މެނުވީ އެއްވެސް ސުކޫލެއްގައި ޓީޗަރެއްގެ ވަޒީފާދީގެން ނުވާނެ ކަމަށެވެ.

އެގޮތުން، ސުކޫލުތަކުގެ އިތުރުން ރާއްޖޭގައި ކިޔަވައިދިނުމަށް ހިންގާ އެހެންވެސް ތަންތަން ހިންގަން ޖެހޭނީ ރަޖިސްޓްރީކޮށްގެން ކަމަށާއި އަދި އެ ތަންތަނުގައި ކިޔަވައިދޭ ޓީޗަރުން ވާންޖެހޭނީ ރަޖިސްޓްރީކޮށް ލައިސަންސް އޮތް ބަޔަކަށް ކަމަށް ބިލުގައި ބުނެފައިވެއެވެ.

އެ ބިލަށް އަމަލުކުރަން ފަށާތާ ތިން މަސްދުވަހުގެ ތެރޭގައި ޓީޗަރުން ރަޖިސްޓްރީކުރުމާ ގުޅޭ އެންމެހާ ކަންކަން ކުރުމަށްޓަކައި "ޓީޗާސް ރަޖިސްޓްރޭޝަން ކައުންސިލް" ގެ ނަމުގައި އެޑިއުކޭޝަން މިނިސްޓްރީން ކައުންސިލެއް އުފެއްދުމަށް ވަނީ ހަމަޖައްސައިފައެވެ.

އެ ކައުންސިލް އެކުލަވާލާތާ ތިން މަސްދުވަހުގެ ތެރޭގައި، ރާއްޖޭގައި ސުކޫލު ޓީޗަރުން ރަޖިސްޓްރީކޮށް، ޓީޗަރުންނަށް ލައިސަންސް ދިނުމުގެ އުސޫލެއް އެ ކައުންސިލުން އެކުލަވާލާނެ ކަމަށާއި އަދި ގާނޫނަށް އަމަލުކުރަން ފަށާތާ ހަ މަސްދުވަހުގެ ތެރޭގައި ޓީޗަރުން ކައުންސިލުގައި ރަޖިސްޓްރީކޮށް ލައިސަންސް ހޯދަންވާނެ ކަަމަށް ތައުލީމުގެ ބިލުގައި ބުނެފައިވެއެވެ.

މަތީ ތައުލީމުގެ ބިލުގައި މަތީ ތައުލީމާއި ތަމްރީން ހޯދުމަށް ދަރިވަރުންނަށް ދޫކުރާ ލޯނުގެ އިންޓްރެސްޓެއް ޕަސެންޓަށް ކުޑަކުރަން ހިމަނާފައިވެއެވެ. އަދި މި ގާނޫނަށް އަމަލު ކުރަން ފަށާއިރު، މިނިސްޓްރީގައި ރަޖިސްޓްރީ ނުކޮށް ހުރި، ކެމްޕަސްތަކާއި އައުޓްރީޗް ސެންޓަރުތައް ހަ މަސްދުވަހުގެ ތެރޭގައި ރަޖިސްޓްރީ ކުރުމަށް ހުށަހަޅަންވާނެ ކަމަށް ވެސް ބުނެފައިވެއެވެ.

ސަރުކާރުގެ މުއަައްސަސާތަކުން މަތީ ތައުލީމުދޭ މަރުކަޒުތައް ހިންގުމާ ބެހޭ އުސޫލުތައް ވެސް ބިލުގައި ބަޔާން ކޮށްފައިވާއިރު ބިލުގައިވާ ގޮތުން އެ ބިލު ގާނޫނަކަށްވާ ހިސާބުން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އުފެދިގެންދާނެއެވެ.